ޑައިވަރުން ވަނީ ކޭވްއެއް ތެރޭ ތާށިވެފައި — ހިނގަމުން ދަނީ ހައި-ރިސްކް އޮޕަރޭޝަނެއް

ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިން އަށް ގޮސް ގެއްލިފައި ވާ ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ކޭވްއެއް ތެރެއިން ފެނިފައި ވާ ކަމަށާއި، ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ކޭވްގެ ތެރޭގައި...

14 May 2026 | 15:59
މަންޒަރު ސިފަކޮށްދިނުމެއް -

މަންޒަރު ސިފަކޮށްދިނުމެއް -

ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިން އަށް ގޮސް ގެއްލިފައި ވާ ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ކޭވްއެއް ތެރެއިން ފެނިފައި ވާ ކަމަށާއި، ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ކޭވްގެ ތެރޭގައި ތާށިވެފައި ތިބި ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، ޑައިވަރުން ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓު ގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ، މިއަދު މެންދުރު ފަހު 1:45 ހާއިރު ކަމަށާއި، އެ ހިސާބުން ފެށިގެން ކަނޑާއި ވައިގެ މަގުން ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. މި މަސައްކަތުގައި ސަފާރީ އާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަންގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ވެސް ލިބެމުންދާ ކަމަށް ބުނެފައި ވެއެވެ.
މި ހާދިސާގައި އެކެއްގެ ހަށިގަނޑު ފެނިފައި ވަނީ، ހޯދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް 6:13 ހާއިރު މޫދު އަޑިން ކަމަށާއި، އެ ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
ހަށިގަނޑު ފެނިފައި ވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށާއި، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ތާށިވެފައި ތިބި ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައި ވެއެވެ. މިއީ ވަރަށް ނުރައްކާތެރި ހައި-ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓު ގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ ސަރަޙައްދަށް ފޮނުވާފައެވެ.
މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓު ގާޑު ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރި ވާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް