މަރުވި މީހެއްގެ ޢާއިލާ - ފޮޓޯ: އޭޕީ
އިންޑިއާގެ އުތުރުގެ ސްޓޭޓުތަކަށް ބުދަ ދުވަހުގެ ރޭ ކުރި ބޯ ވިއްސާރައިގައި 96 މީހުން މަރުވެ، 50 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެފައި ވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.
ވިއްސާރައިގެ ބޮޑު ގެއްލުމެއް ކުރިމަތިވީ، އިންޑިއާގެ އާބާދީ އެންމެ ބޮޑު ސްޓޭޓު ކަމަށްވާ އުއްތަރު ޕްރަދޭޝްގައެވެ. ބާރުގަދަ ވިއްސާރަ އާ އެކު ދުމުގެ ފަށަލައާ، ހޮނުއެޅުން އެ ސްޓޭޓުގެ ގިނަ ޑިސްޓްރިކްޓްތަކަށް އައީ ކުއްލިއަކަށެވެ. ގިނަ ބަޔަކު މަރުވީ ވެއްޓުނު ގަސްތަކާއި އިމާރާތްތަކުގެ ދަށުވުމާއި، ހޮނު އެޅުމުގެ ސަބަބުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
ޕޮލިހުންނާއި ޑިޒާސްޓާ ރެސްޕޮންސް ޓީމުތަކުން ކަރަންޓު ކީހާއި ކްރޭންތައް ބޭނުންކޮށްގެން މަގުތަކާއި ރޭލު ޓްރެކްތަކުގައި ވެއްޓިފައި ހުރި ގަސްތައް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިންޑިއާގެ އިދާރީ އޮފިޝަލު ނަރެންދުރަ އެން. ސްރީވަސްޓަވާ ބުނީ، ވިއްސާރަ އައި ހުރިހާ ސަރަޙައްދުތަކަށް އިމަޖެންސީ ޓީމުތައް ފޮނުވާފައި ވާ ކަމަށާއި، ޚާއްޞަކޮށް ރަށްފުށު ޑިސްޓްރިކްޓުތަކުން ގެތަކާއި ދަނޑުތަކާއި ކަރަންޓު ވިއުގައަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާ ކަމަށެވެ.

އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އާދިތްޔަނާތު ވަނީ ވިއްސާރައިގެ ގެއްލުުންވި ސަރަޙައްދުތަކުގައި ހިންގާ ރިލީފް އޮޕަރޭޝަންތައް 24 ގަޑިއިރުގެ ތެރޭ ނިންމުމަށާއި، ގެއްލުން ލިބުނު ޢާއިލާތަކަށް ބަދަލާއި އިމަޖެންސީ އެހީ ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް