N/A
ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަ ވަމުންދާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، ޚާއްޞަ ގޮތެއްގައި މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ޢާންމު ގޮތެއްގައި ވައި ބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ލަފާ ކޮށްފައިވާ ކަމަށެވެ. މިރޭގެ 9:30 އިން ދަންވަރު 3:30 އާ ހަމައަށް މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށް ހުދު ސަމާލު ވެސް ވަނީ ނެރެފައެވެ.
ދަތުރުކުރައްވާ ނަމަ، އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހު ނޫން ގޮތަކަށް ދަތުރު ނުކުރުމަށާއި، ދަތުރުކުރާ އުޅަނދުގައި ލައިފް ޖެކެޓާއި މުވާޞަލާތީ ނިޒާމާއި ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ރަނގަޅަށް ހުރިތޯ ޗެކް ކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ވެސް އެކަށީގެން ވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ރޭގަނޑު ދަތުރުކުރާ ނަމަ އިތުރަށް ސަމާލުވުމަށާއި، ޑައިވިން އާއި ވޯޓާ ސްޕޯޓްސް އިންތިޒާމް ކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަން ދިނުމަށް އެދިފައި ވެއެވެ.
މީގެ އިތުރުން މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައި ވަނިކޮށް ކަނޑު ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް