އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ވުޒާރާގެ ވަޒީރު ކަމަށް ޑރ. އިސްމާޢީލް ޝަފީޢު އައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމަށް ޑޮކްޓަރ އިސްމާޢީލް ޝަފީޢު މިއަދު އައްޔަނުކުރައްވައިފިއެވެ. މިރޭ ރައީސް އޮފީހުގ...

14 Apr 2026 | 15:58
ވަޒީރު އިސްމާއިލް ޝަފީއު ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ވަޒީރު އިސްމާއިލް ޝަފީއު ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމަށް ޑޮކްޓަރ އިސްމާޢީލް ޝަފީޢު މިއަދު އައްޔަނުކުރައްވައިފިއެވެ.

މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ޑރ. ޝަފީޢު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ މަޤާމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

ޑރ. ޝަފީޢު ވަނީ މި ސަރުކާރުގެ އެޑިޔުކޭޝަން ވުޒާރާގެ ވަޒީރުކަން 2023 ވަނަ އަހަރުން ފެށިގެން ކުރައްވައިފައެވެ. ކެބިނެޓް ބަދަލުތަކާ ގުޅިގެން ކުރިން ވަކި ވުޒާރާއެއްގެ ގޮތުގައި ހިންގެވި ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ދާއިރާ ވަނީ އެޑިޔުކޭޝަން ވުޒާރާގެ ދަށަށް ގެންނަވައި، އެއް ވުޒާރާއެއްގެ ގޮތުގައި ބައްޓަންކުރައްވައިފައެވެ.

ޑރ. ޝަފީޢު ވަނީ ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި ތައުލީމީ ދާއިރާ ފައްޓަވައި، ތައުލީމީ ލީޑާޝިޕްގެ ދާއިރާއިން ޔުނިވާސިޓީ އޮފް ޑަރަމްއިން ޕީއެޗްޑީ ހާސިލުކުރައްވައިފައެވެ. ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަން (ޖީޕީއީ) ބޯޑުގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެއްގެ ގޮތުގައި ވެސް ހޮވިވަޑައިގެންފައިވެއެވެ.

މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކުރީގެ 22 އިން 15 އަށް މަދުކުރައްވައި، ބައެއް ވުޒާރާތައް އެއްކޮށްލައްވައި ކެބިނެޓް އަލުން ބައްޓަންކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް