ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ވުޒާރާގެ ވަޒީރު ކަމަށް ޢަލީ ޝަރީފް އައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މަޤާމަށް ޢަލީ ޝަރީފް މިއަދު އައްޔަނުކުރައްވައިފިއެވެ. ޢަލީ ޝަރީފް އައްޔަނުކުރެއްވީ ކުރީގެ ޓޫރިޒަމް...

14 Apr 2026 | 15:46
ވަޒީރު އަލީ ޝަރީފް ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ވަޒީރު އަލީ ޝަރީފް ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މަޤާމަށް ޢަލީ ޝަރީފް މިއަދު އައްޔަނުކުރައްވައިފިއެވެ.

ޢަލީ ޝަރީފް އައްޔަނުކުރެއްވީ ކުރީގެ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ޢަލީ ޝަރީފް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ މަޤާމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

ކެބިނެޓް ބަދަލުތަކުގެ ތެރެއިން ކުރިން ޓޫރިޒަމާ އެކު އެއް ވުޒާރާއެއްގެ ދަށުގައި ހިމެނުނު އެންވަޔަރަންމަންޓް ދާއިރާ ވަނީ ވަކިކުރައްވައި، ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ވުޒާރާގެ ނަމުގައި ވަކި ވުޒާރާއެއް އުފައްދަވައިފައެވެ.

ޢަލީ ޝަރީފަކީ މޫސުމީ ބަދަލުތަކާ ބެހޭ ދާއިރާގެ ތަޖުރިބާކާރެކެވެ. މެޓިއޮރޮލޮޖީ ސާވިސްގައާއި ތިމާވެށި ވުޒާރާގެ ކްލައިމެޓް ޗޭންޖް ޑިޕާޓުމެންޓުގައި 16 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވެއެވެ. މި ސަރުކާރުގައި ރައީސް އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަޤާމު ފުރުއްވައި، ބައިނަލްއަޤުވާމީ މަޝްރަޙުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ވަކާލާތު ކުރައްވައިފައިވެއެވެ. އިންޓަގަވަމެންޓަލް ޕެނެލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ ހަ ވަނަ އެސެސްމެންޓް ރިޕޯޓުގެ ލީޑް އޯތަރެއްގެ ގޮތުގައި ވެސް ޚިދުމަތް ކުރެއްވިއެވެ. ޔުނިވާސިޓީ އޮފް ކެންޓަބަރީން އެޓްމޮސްފެރިކް ސައެންސްގެ ޕޯސްޓްގްރެޖުއެޓް ޑިގްރީ ހާސިލުކުރައްވައިފައިވެއެވެ.

މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކުރީގެ 22 އިން 15 އަށް މަދުކުރައްވައި، ބައެއް ވުޒާރާތައް އެއްކޮށްލައްވައި ކެބިނެޓް އަލުން ބައްޓަންކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް