އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ވުޒާރާގެ ވަޒީރު ކަމަށް ހީނާ ވަލީދު އައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމަށް ހީނާ ވަލީދު މިއަދު އައްޔަނުކުރައްވައިފިއެވެ. ހީނާ އައްޔަނުކުރެއްވީ ކުރީގެ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެ...

14 Apr 2026 | 15:42
ވަޒީރު ހީނާ ވަލީދު ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ވަޒީރު ހީނާ ވަލީދު ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމަށް ހީނާ ވަލީދު މިއަދު އައްޔަނުކުރައްވައިފިއެވެ.

ހީނާ އައްޔަނުކުރެއްވީ ކުރީގެ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ހީނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ މަޤާމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

ކެބިނެޓް ބަދަލުތަކުގެ ތެރެއިން ކުރީގެ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ވުޒާރާގެ ދާއިރާގައި ހިމެނުނު އާޓްސް ބައި ވަނީ ކަލްޗަރ އެންޑް ހެރިޓޭޖް ވުޒާރާގެ ދަށަށް ގެންނަވައި، އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ވުޒާރާގެ ނަމުގައި ބައްޓަންކުރައްވައިފައެވެ.

ހީނާ ވަލީދު ވަނީ ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަޤާމު 2024 ވަނަ އަހަރުން ފެށިގެން ފުރުއްވައިފައެވެ. އެ މަޤާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. ހީނާ ވަނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) ގެ މެނޭޖިން ޑައިރެކްޓަރުކަމާއި ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނުކަން ވެސް ކުރައްވައިފައެވެ.

މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކުރީގެ 22 އިން 15 އަށް މަދުކުރައްވައި، ބައެއް ވުޒާރާތައް އެއްކޮށްލައްވައި ކެބިނެޓް އަލުން ބައްޓަންކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް