ވަޒީރު ގީލާ އަލީ ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ މަޤާމަށް ޤީލާ ޢަލީ މިއަދު އައްޔަނުކުރައްވައިފިއެވެ.
ޤީލާ އައްޔަނުކުރެއްވީ ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ޤީލާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ މަޤާމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.
ކެބިނެޓް ބަދަލުތަކުގެ ތެރެއިން ކުރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ވުޒާރާގެ ދާއިރާ ވަނީ ހެލްތު ވުޒާރާގެ ދަށަށް ގެންނަވައި، ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ވުޒާރާގެ ނަމުގައި އެއް ވުޒާރާއެއްގެ ގޮތުގައި ބައްޓަންކުރައްވައިފައެވެ.
ޤީލާ ޢަލީ ވަނީ ހެލްތު ދާއިރާގައާއި ޑިޕްލޮމެޓިކް ދާއިރާގައި ފުޅާ ތަޖުރިބާ ހޯއްދަވައިފައެވެ. 1995 ވަނަ އަހަރު ހެލްތު ވުޒާރާގައި ހެލްތު ޕްރޮމޯޝަން އޮފިސަރެއްގެ ގޮތުގައި ޚިދުމަތް ފެއްޓެވި ޤީލާ ފަހުން ޕާމަނެންޓް ސެކެރެޓަރީގެ މަޤާމު ވެސް ފުރުއްވައިފައިވެއެވެ. 2015 ވަނަ އަހަރުން ފެށިގެން ފޮރިން ސެކްޓަރަށް ބަދަލުވެވަޑައިގެން، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކުގައި ޚިދުމަތް ކުރެއްވިއެވެ. މި ސަރުކާރުގައި އެންމެ ފަހުން ހުންނެވީ ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ މަޤާމުގައެވެ. ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންއިން ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައިވެއެވެ.
މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކުރީގެ 22 އިން 15 އަށް މަދުކުރައްވައި، ބައެއް ވުޒާރާތައް އެއްކޮށްލައްވައި ކެބިނެޓް އަލުން ބައްޓަންކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް