ވަޒީރު އިރުތިޝާމް އާދަމް ރައީސް މުޢިއްޒު އާއެކު - ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް އިރުތިޝާމް އާދަމް މިއަދު އައްޔަނުކުރައްވައިފިއެވެ.
އިރުތިޝާމް އައްޔަނުކުރެއްވީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، ކެބިނެޓް އެކުލަވައިލެއްވުމަށް ރައީސް ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ. މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި އިރުތިޝާމް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ މަޤާމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.
އިރުތިޝާމް އާދަމަކީ 25 އަހަރަށް ވުރެ ދިގު ޑިޕްލޮމެޓިކް ކެރިއަރެއް ހޯއްދަވައިފައިވާ ބޭފުޅެކެވެ. ލަންޑަން، ނިއު ޔޯކް، އަދި ޖެނީވާގައި ޑިޕްލޮމެޓިކް މަޤާމުތައް ފުރުއްވައިފައިވެއެވެ. ޖެނީވާގައި އދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ގޮތުގައި 2009 ވަނަ އަހަރުން 2014 ވަނަ އަހަރަށް ޚިދުމަތް ކުރެއްވި އިރު، ޖަރުމަނު، އިޓަލީ އަދި ތުރުކީއަށް ކަނޑައެޅުއްވި ފުރަތަމަ އަންހެން ސަފީރުގެ ގޮތުގައި ވެސް ޚިދުމަތް ކުރެއްވިއެވެ. ކުރީގެ ސަރުކާރުތަކުގައި ހެލްތު މިނިސްޓަރު ކަމާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން ވެސް ފުރުއްވައިފައިވެއެވެ. މި ސަރުކާރުގައި އެންމެ ފަހުން ހުންނެވީ އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ހައި ކޮމިޝަނަރުގެ މަޤާމުގައެވެ.
މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކުރީގެ 22 އިން 15 އަށް މަދުކުރައްވައި، ބައެއް ވުޒާރާތައް އެއްކޮށްލައްވައި ކެބިނެޓް އަލުން ބައްޓަންކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް