N/A
އީރާނުގެ ބަނދަރުތަކަށް ވަދެނިކުމެ ހެދުން ހުއްޓުވަން އެމެރިކާ ސިފައިން ހޯމަ ދުވަހު ފެށި ކަނޑުގެ ބްލޮކޭޑަކީ "ކަނޑުފޭރުން" ކަމަށް ސިފަކޮށް، އީރާނުގެ އަސްކަރިއްޔާ އިން އެ ފިޔަވަޅު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
ރާއްޖޭ ގަޑީން ބަލަނީނަމަ ރޭގެ ހަތަކުން ފެށި މި ބްލޮކޭޑުގެ ދަށުން، ހޮރްމުޒް ކަނޑުއޮޅީން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ ހުރިހާ ޤައުމެއްގެ އުޅަނދެއް ހުއްޓުވާނެ ކަމަށް ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ބުނެއެވެ. ނަމަވެސް އީރާނާ ނުގުޅޭ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތަކަށް ހުރަސް ނާޅާނެ ކަމަށް ސެންޓްކޮމް ބުނެއެވެ.
އީރާނުގެ އަސްކަރިއްޔާ އިން ބުނީ އީރާނުގެ ބަނދަރުތަކަކީ "އެންމެންގެ ތަނެއް، ނޫނީ އެކެއްގެ ވެސް ތަނެއް ނޫން" ކަމަށެވެ. އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ވެސް އިންޒާރު ދީފައިވަނީ، ހޮރްމުޒް ކަނޑުއޮޅިއާ ކައިރިވާ ކޮންމެ އަސްކަރީ އުޅަނދަކާ ދެކޮޅަށް "ހަރުކަށި ފިޔަވަޅު" އަޅާނެ ކަމަށެވެ.
ޓްރަމްޕް ޓްރޫތް ސޯޝަލްގައި ބުނީ އީރާނުގެ "ފާސްޓް އެޓޭކް ޝިޕް"ތައް ބްލޮކޭޑާ ކައިރިވެއްޖެ ނަމަ "ވަގުތުން ނައްތާލާނެ" ކަމަށެވެ. ހޮރްމުޒް ކަނޑުއޮޅީން ދަތުރުކުރަން އީރާނަށް ޓޯލް ދައްކާފައިވާ ހުރިހާ އުޅަނދެއް ބައިނަލްއަޤުވާމީ ކަނޑުގައި ހުއްޓުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ބްލޮކޭޑް އައީ ޕާކިސްތާނުގެ އިސްލާމާބާދުގައި ހަފުތާ ބަންދުގައި ބޭއްވި 21 ގަޑިއިރުގެ ސީދާ މަޝްވަރާތައް ނާކާމިޔާބުވި ފަހުންނެވެ. ވައިސް ޕްރެޒިޑެންޓް ޖޭ.ޑީ. ވެންސް ބުނީ ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އީރާނުން އެއްބަސް ނުވި ކަމަށެވެ. އީރާނުން ބުނީ އެމެރިކާ ހުށަހެޅީ ބޮޑެތި ޝަރުޠުތައް ކަމަށެވެ. ބްލޮކޭޑާ އެކު ތެލުގެ އަގު ބެރެލެއް 100 ޑޮލަރަށް ވުރެ މައްޗަށް އުފުލި، ދުނިޔޭގެ ބާޒާރުތަކަށް ވެސް ބޮޑެތި ލޮޅުންތައް އައިސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް