N/A
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލި ޚިޔާނާތުގެ 42 ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރެފިއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި ދަޢުވާތައް ސާބިތުނުވާ ކަމަށް ނިންމީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އެ ނިންމުން އިސްތިއުނާފުކުރުމަށް ޕީޖީ އޮފީހުން ހައިކޯޓަށް މައްސަލަ ހުށަހެޅީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައިވަނީ، މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއް ކަމަށް ކޯޓުން ކަނޑައެޅީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ޚިޔާނާތުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ވެސް ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ދަޢުވާތައް ސާބިތުވާ ކަމަށް ނިންމައިދިނުމަށް ވެސް ޕީޖީ އޮފީހުން ވަނީ އެދިފައެވެ.
މީގެ އިތުރުން، އިސްތިއުނާފު މަރުޙަލާ ނިމެންދެން އައްމަޓީ ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން އެދުމުން، މި މަހުގެ 13 ވަނަ ދުވަހު ހައިކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް