N/A
ދ. ދިގުރަށު ކޮންސްޓްރަކްޝަން ސައިޓެއްގެ ގެސްޓް ހައުސެއްގައި ހުކުރު ދުވަހުގެ ފަތިހު ގޭސް ސިލިންޑަރެއް ގޮވައި މަރުވި ފަސް ބަންގްލަދޭޝް މީހުންގެ ތެރޭގައި، 10 އަހަރު ފަހުން މި ޢީދުގައި ރަށަށް ދާން ތައްޔާރުވެގެން ހުރި ނޫރް ނަބީ ސަރްކާރް (27 އަހަރު) ހިމެނޭ ކަމަށް އާއިލާއިން ބުނެފިއެވެ.
ބޮގުރާގެ ޝިބްގަންޖު، ބާދަގަންގްނޮއީ އަވަށަށް ނިސްބަތްވާ ނޫރް ނަބީ އަކީ ޢަބްދުއް ސަމަދުގެ ހަމައެކަނި ފިރިހެން ދަރިފުޅެވެ. ރާއްޖެ އައި ފަހުން 10 އަހަރު ތެރޭ އެއްފަހަރު ވެސް ރަށަށް ގޮސްފައެއް ނުވެއެވެ. "މި ފަހަރު ރަށަށް ދާން ހުރިހާ ކަމެއް ހަމަޖައްސާ ނިންމައިގެން ހުރީ،" ނޫރް ނަބީގެ ބޭބެގެ ދަރިފުޅު މުޙައްމަދު މަޙްބޫބް ބުންޏެވެ.
"ދަރިފުޅުގެ މޫނު އެންމެ ފަހު ފަހަރަށް ދެކިލަން ބޭނުން،" ބައްޕަ ސަމަދު ރޮމުން ބުންޏެވެ. ހަށިގަނޑު ވީ އެންމެ އަވަހަކަށް ފޮނުވައިދިނުމަށް ސަރުކާރުގެ ކިބައިން އޭނާ ވަނީ އެދިފައެވެ.
މި ހާދިސާގައި ނޫރް ނަބީގެ އިތުރުން މަރުވީ ތާޖް އުއްދީން އިސްލާމް، ސަދަރް ޢަލީ، ރޮބިން މޯލާ އަދި ޝަފީޤުލް އިސްލާމެވެ. ޒަޚަމްތަކަށް ފަރުވާ ހޯދަމުންދަނީ ޖަމާލް އުއްދީން އާއި ސައްދާމް ހުސައިންއެވެ.
ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން ފާހަގަކުރާގޮތުގައި ހަށިގަނޑު ފޮނުވާނެ ވަކި ތާރީޚެއް އަދި ނޭނގެއެވެ. ޝިބްގަންޖު އުޕަޒިލާ އެޑްމިނިސްޓްރޭޓަރ ޒިޔާއުއް ރަޙުމާން ވިދާޅުވީ ހައި ކޮމިޝަނުން ރަސްމީ ލިޔުން ލިބުނީމާ ހަށިގަނޑު ގެންދިއުމުގެ ރަސްމީ ކަންކަން ފެށޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް