ކުރީގެ ރައީސް މުހައްމަދު ނަޝީދު -
ރާއްޖޭގައި ރައްކާކުރެވެނީ ގާތްގަނޑަކަށް 20 ދުވަހުގެ ތެލުގެ ސްޓޮކެއް ކަމަށާއި، ތެލުގެ ދަތިކަން ރާއްޖެއަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނު ހަނދާންވާ ގޮތުގައި ރާއްޖޭގައި އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓާ ހިމެނޭހެން ރައްކާކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސެލް އަދި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށެވެ. އެއީ ގާތްގަނޑަކަށް 20 ދުވަހުގެ ސްޓޮކެއް ކަމަށް ވިދާޅުވިއެވެ.
މި ވަގުތު އެޅެން ފެންނަ ބައެއް ފިޔަވަޅުތައް ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ، ޕްރައިވެޓް ސެކްޓާގެ ތެޔޮ ރައްކާކުރެވޭ ކެޕޭސިޓީ ދެނެގަތުމާއި، ކަރަންޓު ކަނޑާ ގަޑި ގަޑި ކަނޑައެޅުމާއި، އެއްގަމު އުޅަނދު ދުއްވުން ކޮންޓްރޯލުކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާ ވަގުތު މަދުކުރުމާއި، އިޖުތިމާޢީ ހަރަކާތްތައް މަދުކުރުމާއި، މަސްވެރިކަމާއި ރިސޯޓުތަކަށް ތެޔޮ ކަށަވަރުކުރުމާއި، އެވިއޭޝަން ފިއުލް ކަށަވަރުކުރުމާއި، ހުޅަނގު އޭޝިއާ ހުރަސްކުރަން ނުޖެހޭ މަތިންދާ ބޯޓު އަދި ކަނޑު ބޯޓު ފަހަރުގެ ރޫޓުތައް ހޯދައި ސަޕްލައި ލައިން ބަދަލުކުރުން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް