ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް -
ޤައުމު ސަލާމަތް ކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް އެއްބާރުލުން ދީގެން ކަމަށް ވިދާޅުވެ، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ތަކުރާރުކޮށް ޢިލްތިމާސް ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އިފްތިތާޙު ކުރުމުގެ ޙަފްލާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، ޤައުމު މިއަދު ހިފަހައްޓަނީ ރައީސްގެ ޤާބިލްކަމުން ކަމަށެވެ. އެ ޙަފްލާގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ތަޢާރަފް ކުރުމާއި ކެންޑިޑެސީ ލިޔުން ޙަވާލުކުރެއްވުން އޮތެވެ.
ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން ޤާސިމް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ ފުޑާލީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޑީޕީން ކަމަށެވެ. އަދި ރައީސް ޞާލިޙުގެ ސަރުކާރުން 126 ބިލިޔަން ރުފިޔާއިން ޤައުމު ދަރުވާލާފައިވާ ކަމަށާއި، ފެނަކަ އެކަނިވެސް 3 ބިލިޔަން ރުފިޔާގެ ބިލް ނުދައްކާ ހުރި ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުންވެސް ޤާސިމް ވާހަކަ ދެއްކެވިއެވެ. އެ ގޮތުން، މިނިވަންކަން އޮންނަންވާނީ އިސްލާމްދީނުގެ ޚުދޫދުގެ ތެރޭގައި ކަމަށާއި، އަބުރަށް އަރައިގަނެ ބޭނުންހާ އެއްޗެއް ކިޔަން ޖާގަ ނުލިބޭނެ ގޮތަށް ޤާނޫނު އަސާސީއަށް ބޮޑެތި އިސްލާޙުތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާޙަށް ތާޢީދު ކުރައްވާ ކަމަށާއި، ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ސުޕްރީމް ކޯޓުގައި ތާށިވެފައިވާ މާއްދާތައް އިސްލާޙު ކުރެއްވުމަށް ޤާސިމް ވަނީ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.
ޤާސިމް ވިދާޅުވީ، ޤައުމު އޮތް ދަރަނީގެ ހާލަތުން އަރައިގަނެވޭނީ ރައްޔިތުން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދީގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް