އެކްސްގައި ކުރެއްވި ޕޯސްޓްގައި މަހްލޫފް ހިމެނުއްވި ފޮޓޯއެއް -
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން އުމައިރު، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަށް ނޮމިނޭޓުވުމާ ގުޅިގެން ފާޑުކިޔާ ފަރާތްތަކަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި މި ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަހްލޫފް ރައްދު ދެއްވައިފިއެވެ.
މަހްލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުމައިރަކީ ޓޭބަލް ޓެނިސް (ޓީޓީ) އިން ބައިނަލްއަޤުވާމީ އަދި ޤައުމީ ފެންވަރުގައި ރަން ވަނަތައް ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ. އަދި އެވޯޑަށް ނޮމިނޭޓުވެފައިވަނީ ރައީސްގެ ދަރިކަލަކަށް ވީތީ ނޫން ކަމަށާއި، ކުޑައިރުއްސުރެ ކުރަމުން އައި ބުރަ މަސައްކަތުންނާއި 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ފާހަގަކުރެއްވި ގޮތުގައި، އުމައިރަކީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ދައުރުގައި ވެސް "އަރުތަ" އެތުލީޓް ޕްރޮގްރާމުގައި ހިމެނުނު ކުޅުންތެރިއެކެވެ. ހަގީގަތް ނުބަލައި ކުދިންގެ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ޤައުމީ ފެންވަރުގައި ކުޅުންތެރިންގެ ކާމިޔާބީ ފާހަގަކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރާއްޖޭގެ އެންމެ ޝަރަފުވެރި ކުޅިވަރު އެވޯޑެވެ. މި އެވޯޑް ފުރަތަމަ ބޭއްވީ 2022 ވަނަ އަހަރު، މަހްލޫފް ކުޅިވަރާ ބެހޭ ވަޒީރުގެ މަގާމުގައި ހުންނެވި ދައުރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް