N/A
ވޯޓާސް ރަޖިސްޓްރީއަށް 315 ޝަކުވާއެއް
ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ކޮމިޝަނުން މިރޭ ބުނެފައިވަނީ މިއަހަރުގެ
އެޕްރީލް ހަތަރެއް ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް މިއަދު ހަވީރު 06:00 ގެ ނިޔަލަށް
315 ޝަކުވާ ލިބިފައިވާކަމަށެވެ.
"މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ލިބިފައި މިވާ ޝަކުވާތަކަކީ، ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް
ބަދަލުކުރުމަށް، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ
އެ ނަން ރަޖިސްޓަރީއިން އުނިކުރުމަށް ލިބިފައިވާ ޝަކުވާތައް" ކޮމިޝަނުން
ބުނެފައިވެއެވެ.
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް
ޝަކުވާ ހުށަހެޅޭނީ، 2026 ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު
03:00 ގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި
ހުރިހާ ފަރާތްތައްވެސް، މި ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ
މީހުންގެ ރަޖިސްޓަރީ ޗެކްކޮށް، މި ރަޖިސްޓަރީގައިވާ މަޢުލޫމާތުތައް ކަށަވަރުކުރުމަށްފަހު
އެއްވެސް ޝަކުވާއެއްވާނަމަ، ހުށަހަޅުއްވަން ވާނެކަމަށް ބުނެފައިވެއެވެ.
އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން
މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނައުމަށް
ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނޭ
ކަމަށާއި އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ
ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމުގައި ކޮމިޝަނުން
ބުނެފައިވެއެވެ.
ރަޖިސްޓަރީގައިވާ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓުގެ
އިތުރުން، (VR (space) ID number to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ. އަދި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން
ބޭނުންވާ ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް
my.elections.gov.mv މެދުވެރިކޮށް، ޝަކުވާ ހުށަހަޅަންވާނޭ
ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އިލެކްޝަންސް އިން އިތުރަށް ބުނެފައިވާގޮތުގައި އިންތިޚާބާގުޅޭ
އެއްވެސް މަޢުލޫމާތެއް ހޯދުމަށް ބޭނުންވާނަމަ، އެ ކޮމިޝަނުގެ ކޯލް ސެންޓަރ 1414 އަށް
ގުޅޭނެއެވެ. ހުކުރު ދުވަސްފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު
10:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 08:00 އަށް ކޯލް ސެންޓަރުގެ
ޚިދުމަތް ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް