އެމެރިކާ-އީރާން ހަނގުރާމަ ނިންމަން ދެލިކޮޕީއަށް އެއްބަސްވެއްޖެ: ޕާކިސްތާން

މެދުއިރުމަތީގައި ކުރަމުންދާ އެމެރިކާ-އީރާން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހަދާ އެއްބަސްވުމުގެ ދެލިކޮޕީއަށް އެ ދެ ޤައުމުން އެއްބަސްވެފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ހުކުރު ދުވަހ...

13 Jun 2026 | 06:15
އެމެރިކާގެ މެދުއިރުމަތީ މަންދޫބު ސްޓީވް ވިޓްކޮފާ އެކު ބާއްވާ މަޝްވަރާގެ ކުރީ ދުވަހު، 2025 ވަނަ އަހަރުގެ އޭޕްރީލް 25 ވަނަ ދުވަހު، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޤްޗީ (ކަނާތްފަރާތުގައި) އޮމާންގެ މަސްކަޓަށް ފައިބަނީ - ފޮޓޯ: އޭޕީ

އެމެރިކާގެ މެދުއިރުމަތީ މަންދޫބު ސްޓީވް ވިޓްކޮފާ އެކު ބާއްވާ މަޝްވަރާގެ ކުރީ ދުވަހު، 2025 ވަނަ އަހަރުގެ އޭޕްރީލް 25 ވަނަ ދުވަހު، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޤްޗީ (ކަނާތްފަރާތުގައި) އޮމާންގެ މަސްކަޓަށް ފައިބަނީ - ފޮޓޯ: އޭޕީ

މެދުއިރުމަތީގައި ކުރަމުންދާ އެމެރިކާ-އީރާން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހަދާ އެއްބަސްވުމުގެ ދެލިކޮޕީއަށް އެ ދެ ޤައުމުން އެއްބަސްވެފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

މި އެއްބަސްވުމަށް ވާސިލުވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ޕާކިސްތާނުން ބުނީ، "ފުރިހަމަ، އެއްބަސްވެވިފައިވާ ދެލިކޮޕީއެއް" އެކުލަވާލެވިފައިވާ ކަމަށާއި، ދެ ޤައުމާ އެކު ދެން އަޅާނެ ފިޔަވަޅުތަކާ މެދު މަސައްކަތްކުރަމުންދާ ކަމަށެވެ. "ސުލްހަ މިހާ ގާތްވި ދުވަހެއް ދުވަހަކުވެސް ނާދޭ" ޝަރީފް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވިއެވެ.

މި ކުރިއެރުން އައިސްފައި މިވަނީ، މި ހަފުތާގައި ތިން ދުވަސް ވަންދެން އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ހަމަލާ ބަދަލުކޮށް، މެދުއިރުމަތި އަލުން ފުރިހަމަ ހަނގުރާމައަކަށް ދިއުމުގެ ބިރު ހީވެފައި ވަނިކޮށެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޤްޗީ ވެސް ހުކުރު ދުވަހު ބުނީ، އެއްބަސްވުމެއް "މިހާ ގާތްވި ފަހަރެއް ދުވަހަކުވެސް ނާދޭ" ކަމަށެވެ.

ޢަރަޤްޗީ ބުނީ، ހުރިހާ ފްރަންޓެއްގައި، ލުބުނާން ހިމެނޭ ގޮތަށް، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ފުރަތަމަ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ޝަރުޠުތައް ފައިނަލްކުރާނީ، ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރާތާ 60 ދުވަހުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.

ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ ދުނިޔޭގެ ތެޔޮ އުފުލުމުގެ މުހިންމު ކަނޑުމަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް ހުރަސްއަޅައި، ފީއެއް ނަގަން ފަށާފައެވެ. އެ ކަން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ކަމަށް އެމެރިކާ އާއި އެހެން ޤައުމުތަކުން ބުނެއެވެ. އެކުލަވާލަމުންދާ އެއްބަސްވުމުގައި އެ ކަނޑުއޮޅި އަލުން ހުޅުވުމުގެ މާއްދާތައް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް