ވޯޓުލުން ފެށިގެން ކުރިއަށް - ފޮޓޯ: އިލެކްޝަންސް
ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ. މި އިންތިޚާބުގައި ބަހައްޓާފައިވާ ހުރިހާ ފޮއްޓެއްގައި ވެސް ވޯޓުލުން ފެށީ ގަޑިއަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދީފައިވެއެވެ.
މި އިންތިޚާބަށް ކޮމިޝަނުން ތިން ފޮށި ބަހައްޓާފައިވެއެވެ. މީދޫގައި ވޯޓުލުން ކުރިއަށްދަނީ ދ. އަތޮޅު މަދުރަސާގައެވެ. އެ މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ވޯޓުލާން ދަރުމަވަންތަ ސްކޫލުގައި އެއް ފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 1049 މީހަކަށް ލިބިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ. އޭގެ ތެރެއިން މީދޫގައި ވޯޓުލާނީ 587 މީހުންނެވެ. އަދި މާލޭގައި ވޯޓުލާން 462 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ކައުންސިލް ރައީސްގެ މަޤާމަށް އިތުރު ބުރެއް ނަގަން ޖެހުނީ، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެ ރަށުގައި ބެހެއްޓި ދ. މީދޫ-2 ނަންބަރު ފޮށީގެ މީދޫ ދާއިރާގެ ވޯޓު ކަރުދާހެއް ސައްޙަ ކަމަށް ކޯޓުން ޙުކުމްކުރުމާ ގުޅިގެންނެވެ. އެ ޙުކުމާ އެކު، ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބުކުރަން ޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވިއެވެ.

މި އިންތިޚާބުގައި ވާދަކުރަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓަކާއި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް