ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ހަ ކެޓަގަރީއަކުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ހައުސިން ވުޒާރާއިން އިތ...

13 Apr 2026 | 17:06
N/A

N/A

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ހަ ކެޓަގަރީއަކުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ހައުސިން ވުޒާރާއިން އިތުރުކޮށްފިއެވެ.

ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ފުރަތަމަ ދީފައި ވަނީ މި މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުޞަތު ދިނީ މިދިޔަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ފަހުން އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކުރުމަށް ފަހު، މިހާރު ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރީއެވެ.

މުއްދަތު އިތުރުކުރި ކެޓަގަރީތަކުގެ ތެރޭގައި ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫޢުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި ފްލެޓް ހަވާލުނުކުރެވި ތިބި ފަރާތްތަކުގެ ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީ އާއި މާލޭ ރައްޔިތުންނަށް ދޫކުރާ ބިމާއި ބިންވެރިޔާ ހާއްޞަ ސްކީމްގެ ދެ ކެޓަގަރީ އާއި ގޯތިގެދޮރު ޕްރޮގްރާމުގެ ދަށުން ދޫކުރާ ބަންޑާރަ ގޯތި ހިމެނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވައިލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 1،500 ފްލެޓް އަދި ހާއްޞަ ކެޓަގަރީތަކަށް 2،400 ފްލެޓް ކަނޑައަޅައިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް