N/A
އެމެރިކާ އާއި އީރާނާ ދެމެދު ޕާކިސްތާނުގައި ކުރިއަށް ދިޔަ ސީދާ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، ހޮރްމުޒް ކަނޑުއޮޅީގައި އެމެރިކާގެ ކަނޑުގެ ސިފައިން ހިންގާ ބްލޮކޭޑް މިރޭ ފެށިއްޖެއެވެ.
ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ބުނީ ބްލޮކޭޑް ފެށީ ރާއްޖެ ގަޑިން މިރޭ 7 ޖެހިއިރު ކަމަށެވެ. ބްލޮކޭޑް ހިންގާނީ އީރާނުގެ ބަނދަރުތަކަށް ވަދެ ނުކުންނަ ހުރިހާ ޤައުމެއްގެ އުޅަނދުތަކަށް ކަމަށާއި، އީރާނު ނޫން ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތަކަށް ހުރަސް ނާޅާނެ ކަމަށް ސެންޓްކޮމް ބުންޏެވެ.
ބްލޮކޭޑް ފެށުމާ ދިމާކޮށް ޓްރަމްޕް ޓްރޫތް ސޯޝަލްގައި ބުނީ އީރާނުގެ އެއްވެސް އުޅަނދެއް ބްލޮކޭޑާ ކައިރިވެއްޖެ ނަމަ ވަގުތުން ނައްތާލާނެ ކަމަށެވެ. ކެރީބިއަންގައި މަސްތުވާތަކެތީގެ އުޅަނދުތައް ހުއްޓުވި ގޮތަށް ކުރާނެ ކަމަށް ވެސް ބުންޏެވެ.
ޓްރަމްޕް އާދީއްތަ ދުވަހު ބްލޮކޭޑް އިޢުލާނުކުރީ، ނައިބު ރައީސް ޖޭ.ޑީ. ވެންސް އިސްކޮށް ހުންނަވައިގެން އިސްލާމާބާދުގައި 21 ގަޑިއިރަށް ވުރެ ގިނައިރު ކުރިއަށް ދިޔަ ސީދާ މަޝްވަރާތައް، ނިއުކްލިއާ މައްސަލައިގައި އެއްބަސްނުވެވި ނިމުމުންނެވެ. ނަމަވެސް ވެންސް ބުނީ ޑިޕްލޮމެސީ ނިމުނީ ނޫން ކަމަށާއި ހުށަހެޅުމެއް ދޫކޮށްލާފައިވާ ކަމަށެވެ.
ޓްރަމްޕް ބުނީ ޔޫކޭ އާއި އެހެން ޤައުމުތަކުން މައިން ސްވީޕަރު ފޮނުވާ ކަމަށެވެ. ނަމަވެސް ޔޫކޭ ބޮޑުވަޒީރު ސްޓާމާ ބުނީ ބްލޮކޭޑްގެ އޮޕަރޭޝަނަލް ކަންކަމުގައި ބައިވެރި ނުވާނެ ކަމަށެވެ.
ބްލޮކޭޑާ ގުޅިގެން ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއް 101.88 ޑޮލަރަށް، ޔޫއެސް ކްރޫޑް 104.69 ޑޮލަރަށް އުފުލިފައިވެއެވެ. ދުނިޔޭގެ ތެލުގެ ފަސް ބައިކުޅަ އެއް ބައި ދައުރުވާ ހޮރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތީ، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީއްސުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް