އައިޕީޔޫގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް އިސްތަންބޫލަށް ފުރާވަޑައިގެންފި

އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ތުރުކީވިލާތުގެ އިސްތަންބޫލަށް ފުރާވަޑައ...

13 Apr 2026 | 10:15
މަޖްލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އެއާޕޯޓުގައި - ފޮޓޯ: މަޖިލިސް

މަޖްލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އެއާޕޯޓުގައި - ފޮޓޯ: މަޖިލިސް

އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ތުރުކީވިލާތުގެ އިސްތަންބޫލަށް ފުރާވަޑައިގެންފިއެވެ.

މި އެސެމްބްލީ ބާއްވަނީ މި ހިނގާ އެޕްރީލް މަހުގެ 15 އިން 19 އަށް އިސްތަންބޫލުގައެވެ. މި ފަހަރުގެ އެސެމްބްލީ ހޮސްޓްކުރަނީ ތުރުކީވިލާތުގެ ގްރޭންޑް ނެޝަނަލް އެސެމްބްލީންނެވެ. މި އެސެމްބްލީގެ ޢާންމު ބަހުސްގެ މައުޟޫޢަކީ "އުންމީދު ދިރުވައި، ޞުލްޙަ ކަށަވަރުކޮށް، ކުރިއަށް އޮތް ޖީލުތަކަށް ޢަދުލު އިންސާފު ޔަގީންކުރުން" މިއެވެ.

މި އެސެމްބްލީގައި އައިޕީޔޫގެ ގަވަނިން ކައުންސިލާއި، ސްޓޭންޑިން ކޮމިޓީތަކާއި، ޕާލިމެންޓް މެންބަރުންގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީއާއި، މެދުއިރުމައްޗާ ބެހޭ ކޮމިޓީއާއި، އަންހެނުންގެ ފޯރަމާއި ޒުވާނުންގެ ފޯރަމް ވެސް ބައްދަލުވާނެއެވެ. މީގެ އިތުރުން، އައިޕީޔޫގެ ނުވަ ވަނަ ސެކެޓެރީ ޖެނެރަލް ވެސް މި އެސެމްބްލީގައި އިންތިޚާބުކުރާނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަތައް ހިނގަމުންދާ މި ދަނޑިވަޅުގައި، މި އެސެމްބްލީ ވެގެންދާނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ޞުލްޙަވެރި ޙައްލުތައް ހޯދުމަށް މަޝްވަރާކުރާނެ ފުރުޞަތަކަށެވެ. އައިޕީޔޫއަކީ ދުނިޔޭގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ އެންމެ ބޮޑު ބައިނަލްއަޤުވާމީ ޖަމާޢަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް