އެންމެ ފަހުން ބޭއްވި ހަފްތާ ޕްރެސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ އުސޫލާ އެއްގޮތަށް ފެށޭ ހަފްތާގައިވެސް އެ ބައްދަލުވުން އޮންނާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރުގެ މާރިޗް އެކަކުން ފެށިގެން ކަނޑައަޅުއްވާފައިވާ އުސޫލުގެ މަތިން ނޫސްވެރިންނާ ބައްދަލުކުރެއްވުން ގަވާއިދުން ކުރިއަށްދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގައިވެސް އެ އުސޫލާ އެއްގޮތަށް ބައްދަލުވުން ތާވަލުކުރެވޭ ގޮތް އަންގަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި، މީޑިއާއާ ބާއްވަވާ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އިޢުލާނުކުރައްވައިފައެވެ. އަދި ދަތުރުފުޅެއް ނުވަތަ ބަންދު ދުވަހަކާ ދިމާވުން ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އެ އުސޫލުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ތަރުޖަމާނު މިހެން ވިދާޅުވެފައި މިވަނީ، މިއަދަކީ ހޯމަ ދުވަހަށް ވެފައި މިއަދު އެ ޕްރެސް ކޮންފަރެންސް ނެތުމުން ބައެއް މީޑިއާތަކުން އެކަން ފާހަގަކޮށްފައި ވަނިކޮށެވެ. ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ފަހު ރާއްޖެ ވަޑައިގެންނެވީ ދެ ރޭ ކުރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް