ޑެންގޫގައި ނިޔާވި ޒުވާނާ -
ޑެންގޫ ހުން ޖެހިގެން ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ 23 އަހަރުގެ ޒުވާނާ މިއަދު ނިޔާވެއްޖެއެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ވަނީ "ދުވަހަ"ށް މިކަން ކަށަވަރުކޮށްދެއްވައިފައެވެ.
ނިޔާވީ ށ. މިލަންދޫ، ނަބްހާން ނަމަކަށް ކިޔާ ޒުވާނެކެވެ. މިދިޔަ ހަފުތާގައި ހުން އައިސްގެން ފުރަތަމަ ފަރުވާ ދިނީ މިލަންދޫ ސިއްޙީ މަރުކަޒުގައެވެ. ހާލު ސީރިއަސްވުމާ ގުޅިގެން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލުކުރި އެވެ. އައިޖީއެމްއެޗަށް ގެނައީ އިއްޔެއެވެ.
ޑެންގޫގައި ޒުވާނަކު ނިޔާވިއިރު، އެ ބަލި ރިޕޯޓުކުރާ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާރު ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ މާޗް މަހު 535 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ޢަދަދު އުޅެނީ 60 ގައެވެ. ފެބްރުއަރީ މަހު ވެސް 428 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރު އެ މަހު ރިޕޯޓުކުރީ 76 ކޭސްއެވެ.
މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހަނދާންކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް