ލޭ ހަދިޔާ ކުރާ މީހުންގެ ރަޖިސްޓްރީ ބެލޭ އެޕެއް އޮކްޓޯބަރަށް ނެރޭނެ: ވަޒީރު

ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް ބެލޭ ގޮތް ހެދުމަށް ޚާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފަށާނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާ...

13 Apr 2026 | 05:47
ހެލްތު މިިނިސްޓަރު ނާޒިމް - ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިިނިސްޓަރު ނާޒިމް - ފޮޓޯ: ހެލްތު މިނިސްޓްރީ

ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް ބެލޭ ގޮތް ހެދުމަށް ޚާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފަށާނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ލޭގެ ޚިދުމަތާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުގެ ދަށުން ލޭގެ ޤައުމީ ޚިދުމަތުގެ ނިޒާމު ޤާއިމުކޮށް، ހަތަރު ސަރަހައްދެއްގައި ބްލަޑް ބޭންކު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ތެލެސީމިއާ ކުދިންނާއި ގަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ބޭނުންވާ ލެބޯޓަރީ ޚިދުމަތްތައް 108 ރަށެއްގައި ޓްރާންސްފިއުޝަން ސެންޓަރުގެ ގޮތުގައި ގާއިމުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަންނީ އެހީތެރިކަމާ އެކު ދެ އަހަރު ދުވަހުގެ މަސައްކަތުން "ނޭޝަނަލް ބްލަޑް ސްޓޭންޑަޑް" އެކުލަވާލައި ނިންމާލާފައިވާ ކަމަށާއި، ހުރިހާ ޓްރާންސްފިއުޝަން ސެންޓަރެއްގެ ތަފާސްހިސާބުތައް ވަގުތުން ބެލޭ ގޮތަށް ޑީއެޗްއައިއެސް 2 ސޮފްޓްވެއާގެ ޚާއްސަ މޮޑިއުލެއް ފަރުމާކޮށް ގާއިމުކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ތެލެސީމިއާ ކުދިންގެ ޤައުމީ ދަފްތަރު ވަންގަވް މެދުވެރިކޮށް މި އަހަރުގެ ޖެނުއަރީން ފެށިގެން ބަލަހައްޓަމުންދާ ކަމަށެވެ. އަދި އޮންލައިން ޑޯނަރ ރަޖިސްޓްރީއާ އެކު ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ލޭގެ ގްރޫޕް ހިމެނޭ ގޮތަށް ރަޖިސްޓްރީވެ، ލޭގެ ގްރޫޕްތައް ލިބެން ހުރި ސަރަހައްދުތައް މެޕް ކުރެވޭ ޤައުމީ ޑޭޓާބޭސްއެއް ވުޖޫދުވެ، ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ވަށާޖެހޭ ހައްލެއް ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް