ހުރާގައި މެންދަމު ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލި - ނަފްސާނީ ގޮތުން އަސަރުކުރި އަންހެނަކު އިތުރު ފަރުވާއަށް މާލެއަށް

ކ. ހުރާ މީހުން ދިރިއުޅޭ ގެއެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގޭގެ ބޮޑު ބައެއް އަނދައި، 15 މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުންނަށް މި ހާދިސާގެ ...

13 Apr 2026 | 05:21
އަލިފާނުގެ އެ ހާދިސާގެ ބައެއް މަންޒަރުތައް - ފޮޓޯ: އެންޑީއެމްއޭ

އަލިފާނުގެ އެ ހާދިސާގެ ބައެއް މަންޒަރުތައް - ފޮޓޯ: އެންޑީއެމްއޭ

ކ. ހުރާ މީހުން ދިރިއުޅޭ ގެއެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގޭގެ ބޮޑު ބައެއް އަނދައި، 15 މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުންނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 01:18 އެހައިކަންހާއިރުއެވެ. ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލާފައެވެ. ނަމަވެސް، މި ހާދިސާގައި އެ ގޭގެ އިމާރާތަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި، އަލިފާނުގެ ސަބަބުން ހާލުގައި ޖެހުނު އެ ގޭގެ 15 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން ދަނީ ކުރަމުންނެވެ. މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ މީހެއްގެ އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، މި ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް ހުރާ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.

"މި ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރިއަށް،" އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް