ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު -
ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި، މިހާރު އަމަލުކުރަމުންދާ ސްޓެގާޑް އިންތިޚާބީ ނިޒާމަކީ ރާއްޖޭގެ ކޮންޓެކްސްޓުގައި ފެއިލްވެފައި އޮތް ނިޒާމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުއޫދު ފާހަގަކުރެއްވި ޙުއްޖަތްތައް ޤަބޫލު ނުކުރެއްވޭ ކަމަށެވެ. ސަރުކާރު ޖަވާބުދާރީކުރެވޭ ފަދަ އިފެކްޓިވް މަޖިލީހެއް ލިބިގަތުމަކީ މި ޤައުމަށް މިހާރު އޮތް އެންމެ މުހިންމު މަސައްކަތް ކަމަށާއި، ސުއޫދު ފާހަގަކުރެއްވި ކަންކަން ހައްލު ނުވެ ހުރީ ވެސް އިފެކްޓިވް މަޖިލީހެއް ލިބިނުގަނެވި އޮތުމުން ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދެ އިންތިޚާބުގެ ދެމެދުގައި ހަ މަސް އޮންނަ ސްޓެގާޑް ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރެވޭނެ އެންމެ މަޖިލީހެއް ވެސް ފާއިތުވި ގާތްގަނޑަކަށް 15 އަހަރު ތެރޭ ލިބިފައި ނުވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ. އެހެންކަމުން ދެން ހުރި އޮޕްޝަންތައް ބެލުން ލާޒިމުވާ ކަމަށާއި، ކޮންކަރެންޓް އިންތިޚާބު ޓެސްޓުކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އެއް ތާރީޚެއްގައި އިންތިޚާބު ބޭއްވުމުން އިދާރީ ޚަރަދާ އެކު ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރެވުމުގެ ފުރުސަތު ވެސް ކުޑަވާނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވެފައި ވަނީ ޤާނޫނުއަސާސީގައި ބަދަލުކުރަން ޖެހޭ ދުސްތޫރީ ބޮޑެތި މައްސަލަތައް ހުއްޓައި، ދެ އިންތިޚާބު އެއްކޮށްލުން އެކަނި ކުރިއަށް ނެރޭތީ ސަރުކާރުގެ ހެޔޮ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ. ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ފޯރުވުމާއި، މެންބަރުންގެ ޢަދަދު އިތުރުވެގެން ދިއުމާއި، ސިޔާސީ މަޤާމުތަކަށް ހައްދެއް ނެތި މީހުން ޢައްޔަނުކުރުން ފަދަ ކަންކަން ސުއޫދު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް