N/A
އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގޭތެރޭގައި ތާށިވި މީހުން ސަލާމަތްކުރީ ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެގެން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، ރޭ 01:57 ހާއިރު ލިބުނު ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށިއިރު، ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދިޔައެވެ. ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ، ހަބަރު ހުސްވެފައި ތިބި ހަތް މީހަކު ނެރެ ސިއްހީ މަރުކަޒަށް ގެންދިޔައެވެ.
ސިއްހީ މަރުކަޒަށް ގެންދިޔައިރު އޭގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ. ދުމުގެ އަސަރުކޮށް ހާލު ސީރިއަސްވި ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަފްސާނީ ގޮތުން އަސަރުކުރި އިތުރު މީހަކަށް ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ. ނިޔާވި އަދި އަނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަންގްލަދޭޝް ރައްޔިތުން ކަމަށް ފުލުހުން ބުނެއެވެ.
އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް 02:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ތަހުގީގު ފަށައި، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްޞަ ތަހުގީގު ޓީމެއް މިއަދު ހެނދުނު ދިގުރަށަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް