ބަންގްލަދޭޝް އިންތިޚާބު ބީއެންޕީ އިން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި

ބަންގްލަދޭޝްގައި ބުރާސްފަތި ދުވަހު ބޭއްވި 13 ވަނަ ޕާލިމެންޓަރީ އިންތިޚާބު، ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ. ނުރަސްމީ ނަތީޖާތައް ދައްކާ ގޮތުން، ނަތީޖާ ...

13 Feb 2026 | 10:36
ތާރިޤު ރަޙްމާން (ވ) -

ތާރިޤު ރަޙްމާން (ވ) -

ބަންގްލަދޭޝްގައި ބުރާސްފަތި ދުވަހު ބޭއްވި 13 ވަނަ ޕާލިމެންޓަރީ އިންތިޚާބު، ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

ނުރަސްމީ ނަތީޖާތައް ދައްކާ ގޮތުން، ނަތީޖާ އިއުލާނުކުރި 297 ގޮނޑީގެ ތެރެއިން ބީއެންޕީ ވަނީ 209 ގޮނޑި ކާމިޔާބުކޮށްފައެވެ. ޖަމާޢަތޭ އިސްލާމަށް 68 ގޮނޑި ލިބިފައިވާ އިރު، 2024 ގެ ދަރިވަރުންގެ އިންގިލާބުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނުން އުފެއްދި ނެޝަނަލް ސިޓިޒެން ޕާޓީ (އެންސީޕީ) އަށް ގާތްގަނޑަކަށް ހަ ގޮނޑި ލިބިފައިވެއެވެ. 300 ގޮނޑިއަށް ވޯޓުލުމަށް ހަމަޖެހިފައި ވީ ނަމަވެސް، ކެންޑިޑޭޓަކު ނިޔާވުމާ ގުޅިގެން އެއް ދާއިރާގެ ވޯޓުލުން ފަސްކޮށް، 299 ގޮނޑިއަށް ވޯޓުލެވުނެވެ. ބީއެންޕީގެ ޗެއާމަން ތާރިޤު ރަޙްމާނަށް، އެ ބޭފުޅާ ވާދަކުރެއްވި ބޮގުރާ-6 ދާއިރާ ކާމިޔާބުވެފައިވާ ކަން ވަނީ ކަށަވަރުވެފައެވެ.

މިއީ 2024 ވަނަ އަހަރު ޒުވާނުން އިސްވެ ހިންގި އިހުތިޖާޖުތަކުގައި ބޮޑުވަޒީރު ޝައިޚް ހަސީނާ ވެރިކަމުން ދުރުކުރި ފަހުން ބޭއްވި ފުރަތަމަ ގައުމީ އިންތިޚާބެވެ. ހަސީނާގެ އަވާމީ ލީގް ވަނީ މި އިންތިޚާބުގައި ބައިވެރިވުން މަނާކޮށްފައެވެ. ގާތްގަނޑަކަށް 12.77 ކުރޯޑު (127.7 މިލިއަން) މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، ވޯޓުލީ މީހުންގެ ނިސްބަތް ހުރީ 59.4 ޕަސެންޓުގައެވެ.

ޕާލިމެންޓަރީ އިންތިޚާބާ އެކު، ޖުލައި ނެޝަނަލް ޗާޓަރ 2025 އާ ގުޅޭ ރެފެރެންޑަމެއް ވެސް ވަނީ ބާއްވައިފައެވެ. މި ޗާޓަރުގައި ހިމެނެނީ ގާނޫނީ އިސްލާހުތަކެއް ގެނައުމާއި، ޕާލިމެންޓް ދެ މަޖިލީހަށް ބަދަލުކުރުމާއި، ބޮޑުވަޒީރުކަމުގެ ދައުރު ދެ ދައުރަށް ކުރުކުރުން ފަދަ ކަންކަމެވެ. ރެފެރެންޑަމްގައި ގާތްގަނޑަކަށް 73 ޕަސެންޓް ވޯޓުން ޗާޓަރ ފާސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އިންތިޚާބުގެ ދާއިމީ ނަތީޖާ ކުރިއަށް އޮތް ވަގުތުތަކުގައި އިލެކްޝަން ކޮމިޝަނުން އިއުލާނުކުރާނެ ކަމަށް ބެލެވެއެވެ. ނޯބެލް ލޯރިއެޓް މުހައްމަދު ޔޫނުސް އިސްވެ ހުންނެވި ވަގުތީ ސަރުކާރުގެ ބަދަލުގައި، ބީއެންޕީ އިސްވެ އާ ސަރުކާރެއް އެކުލަވައިލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް