N/A
ދިވެހީންގެ މައިނާރުކަމުގައިވާ މަސްވެރިކަމުގެ
ޝިނާޢާތު އޮންނާންވާނީ ދިވެހީންގެ އަތްމަތީގައި ކަމުގައި ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ހުކުރު ޚުޠުބާގެ މިއަދުގެ މަޢޫޟޫ އަކީ "މަސައްކަތްތެރި
އުފެއްދުންތެރި ބަޔަކަށް ވާށެވެ" މި މަޢުޟޫ އެވެ.
މި މަޢުޟޫގައި ހުކުރު ޚުޠުބާގައި ބުނެފައިވަނީ އިސްލާމްދީނުގައި، ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަށް
އަންގަވައިފައިވުމުން، މުސްލިމުންނަކީ އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް
ވާންޖެހޭ ކަމަށާއި އެ ފަދަ ބަޔަކަށް ވެވޭނީ، އެއުރެންނީ މަސައްކަތް ދަންނަ، މަސައްކަތްކޮށްގެން
ތަކެތި އުފައްދާ ބަޔަކަށް ވެގެން ކަމަށެވެ.
"ﷲ ތަޢާލާ ވަނީ، ދުނިޔޭގެ
ބިމާއި، އެ ބިމުގައި އުފެދޭ ގަސްހަގާގެއްސާއި، ކަނޑުގައި ދިރިއުޅޭ
މަސްމަހާމެއްސާއި، އެހެނިހެން ތަކެތި އިންސާނާއަށް ޓަކައި ޚިދުމަތްތެރިކުރައްވައިފައި"
ޚުޠުބާގައި ބުނެފައިވެއެވެ.
ދަނޑުގޮވާންކުރުމާއި،
މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ
ކަމެއް ނޫންކަން ހާމަކުރަމުން ހުކުރު ޚުޠުބާގައި ބުނެފައިވަނީ މާތް ﷲ ދުނިޔެއަށް ފޮނުއްވެވި
އެންމެ މާތް ބަޔަކީ ރަސޫލުންނާއި ނަބީން ކަމަށާއި އެ ބޭބޭކަލުން ވެސް،
މަސައްކަތްކުރެއްވި ކަމަށެވެ.
"މާތް
الله ރޭގަނޑު އަނދިރިކުރައްވައި، ދުވާލު އަލިކުރައްވައިފައި
ވަނީ، ޙިކުމަތަކަށް ޓަކައި، ރޭގަނޑުގެ ވަގުތު ލައްވައިފައި ވަނީ، އަރާމުކުރުމަށާއި
ނިވަލެއްކަމުގައި، އަދި ދުވާލު ލައްވައިފައި ވަނީ، ދިރިއުޅުމަށް ޓަކައި މަސައްކަތްކުރާން
އޮތް ވަގުތެއްކަމުގައި" ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
އިސްލާމް
ދީނަކީ، އެ ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ޓަކައި،
މަސައްކަތްކުރާން އަންގަވާ ދީންކަން ފާހަގަކުރަމުން ޚުޠުބާގައި ބުނެފައިވަނީ މި
ކަމުގައި މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެ ކަމަށާއި މިއަދު ބައެއް ދިވެހީން ކަންނެތްވެ،
މަސައްކަތާ ދުރުވެފައިވާކަމަށެވެ.
"އިޤްތިޞާދީ
ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށައިފި، މިއަދު މަހަށް ފުރާނެ ދިވެހި
ފަޅުވެރިއަކު ނުވޭ، ދިވެހި އިޤްތިޞާދުގެ އެއް މައިނާރަކީ މަސްވެރިކަންކަމުގައިވީ އިރު،
އެ ޞިނާޢަތު އޮންނާންވާނީ ދިވެހީންގެ އަތްމަތީގައި، ދަނޑުވެރިކަމާއި އިޤްތިޞާދީ
އެހެނިހެން ޞިނާޢަތްތަކުގައި ވެސް ދިވެހީން ހީވާގިވެ އުޅޭ ތަން ނުފެނުމަކީ
ހިތާމަހުރި ކަމެއް" ޚުޠުބާގައި ބުނެފައިވެއެވެ.
އަހަރެމެންނަކީ
އެހެން ބަޔެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، ބޭނުންތައް ފުއްދާނެ
ގޮތްތަކާއި، ވަސީލަތްތައް އަމިއްލައަށް އުފައްދައި، އޭގެ ބޭނުންހިފާ
ބަޔަކުކަމުގައި ވުމަށް ގޮވައިލަމުން ހުކުރު ޚުޠުބާގައި ބުނެފައިވަނީ މި ކަންކަން ކުރެވޭނީ މުސްލިމުންނަކީ ބާރުވެރި މިނިވަން ބަޔަކަށް
ވެގެން ކަމަށާއި ފުދުންތެރި އިޤްތިޞާދެއް އޮތް ބަޔަކަށް ވެގެން ކަމަށެވެ.
ސަރަހައްދު ޙިމާޔަތްކުރެވޭ ފަދަ ވަސީލަތްތަކެއް ހުރި ބަޔަކަށް ވެގެން ކަމަށާއި ދުނިޔެއަށް
އަންނަ ޢިލްމީ ކުރިއެރުންތަކާ ފައިހަމަކުރެވޭ ބައަކަށް ވެގެން ކަމަށެވެ. އަދި ހަމަ
އެހެންމެ ޢިލްމު އުނގެނި، އަމިއްލަ ފައިމައްޗަށް ތެދުވެތިބި، ހީވާގި،
އުފެއްދުންތެރި ބަޔަކަށް ވެގެންކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް