މިއަދުގެ ހުކުރު ޚުޠުބާ: ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން

ހިޖުރީ އައު އަހަރެއް ފެށިގެން އަންނަ އިރު ކީރިތި ރަސޫލާﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިން ލިބޭ ޢިބުރަތްތަކުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާ ބިނާކޮށްފައިވެއެވެ. "ހިޖުރައިގެ ޢިބުރަތްތަކުގެ ތެ...

12 Jun 2026 | 07:32
N/A

N/A

ހިޖުރީ އައު އަހަރެއް ފެށިގެން އަންނަ އިރު ކީރިތި ރަސޫލާﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިން ލިބޭ ޢިބުރަތްތަކުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާ ބިނާކޮށްފައިވެއެވެ.

"ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން" މި މައުޟޫޢަށް ދެއްވި ޚުޠުބާގައި ފާހަގަކުރެއްވީ ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ހަމައެކަނި ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުން ނޫން ކަމަށާއި، ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށެވެ.

ޚުޠުބާގައި ހިޖުރައިން ލިބޭ ތިން މައިގަނޑު ފިލާވަޅެއް ފާހަގަކުރެއްވިއެވެ. ފުރަތަމަ ފިލާވަޅަކީ ދީނަށް ޓަކައި ޤުރުބާންވުމެވެ. އެ ގޮތުން ރަސޫލާﷺ އުފަންވެވަޑައިގެން ބޮޑުފުޅުވީ ރަށާއި ޢާއިލާ ދޫކުރައްވައި ހިޖުރަކުރެއްވި ވާހަކައާއި، އުންމު ސަލަމާ ފިރިކަލުންނާއި ދަރިކަލުންނާ ވަކިވެވަޑައިގެން ވެސް ދީނަށް ޓަކައި ޤުރުބާންވެވަޑައިގެންނެވި ވާހަކައާއި، ޞުހައިބުއްރޫމީ މުޅި މުދާ ދޫކޮށްލައްވައި ހިޖުރަކުރެއްވި ވާހަކަ ޚުޠުބާގައި ގެންނެވިއެވެ.

ދެވަނަ ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ ކުރިން ފުރިހަމައަށް ރޭވުމުގެ މުހިންމުކަމެވެ. އެ ގޮތުން އަބޫބަކުރުގެފާނު ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރުކުރެއްވުމާއި، ޢަލީގެފާނު ރަސޫލާﷺ ގެ ދާންމަތިކޮޅުގައި އަވަހާރަފުޅު ލެއްޕެވުމާއި، އަސްމާ ބިންތި އަބޫބަކުރު ފަރިއްކޮޅު އެރުވުމުގެ ޒިންމާ ނެންގެވުން ފާހަގަކުރެއްވިއެވެ.

ތިންވަނަ ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައި ވެސް މާތް ﷲ އަށް ވަކީލުކުރައްވައި ސާބިތުކަމާ އެކު ދެމިތިއްބެވުމެވެ. ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު ރަސޫލާﷺ އަބޫބަކުރުގެފާނަށް ޙަދީޘްކުރެއްވީ "ތިންވަނަ ފަރާތެއްގެ ގޮތުގައި ތިމަންބޭކަލުންނާ އެކު މާތް ﷲ ވޮޑިގެންވެއެވެ" ކަމަށެވެ.

ޚުޠުބާ ނިންމަވައިލައްވަމުން ވިދާޅުވީ ހިޖުރައިގެ މާނަތަކުގެ ތެރޭގައި ހިތުގެ ހިޖުރަ ވެސް ހިމެނޭ ކަމަށެވެ. އެއީ އިސްލާމްދީނާ ޚިލާފަށް ކުރެވޭ ކަންކަން ދޫކޮށް ދީނުގެ ތަރަހައިގެ ތެރެއަށް ވަނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް