ބެން ގަވީރް އަނެއްކާވެސް އަލްއަޤްޞާއަށް ވަދެ "މިތަނުގެ ވެރިމީހާއަކީ" އޭނާ ކަމަށް ބުނެފި

އިޒްރޭލުގެ ހައްދުފަހަނައެޅި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރް ބެން ގަވީރް، ޔަހޫދީ ވަޒަންވެރިންގެ ބަޔަކު ގޮވައިގެން، ފުލުހުންގެ ވަރުގަދަ ސެކިއުރިޓީގެ ދަށުގައި އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް މ...

12 Apr 2026 | 18:26
N/A

N/A

އިޒްރޭލުގެ ހައްދުފަހަނައެޅި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރް ބެން ގަވީރް، ޔަހޫދީ ވަޒަންވެރިންގެ ބަޔަކު ގޮވައިގެން، ފުލުހުންގެ ވަރުގަދަ ސެކިއުރިޓީގެ ދަށުގައި އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް މިއަދު ވަދެ، ޖެއްސުންކޮށްފިއެވެ.

މިއީ މި އަހަރު ބެން ގަވީރް އަލްއަޤްޞާއަށް ވަން ތިންވަނަ ފަހަރެވެ. 2022 ވަނަ އަހަރު މަޤާމާ ހަވާލުވީއްސުރެ 16 ފަހަރަށް ވުރެ ގިނައިން އޭނާ ވަނީ މިސްކިތުގެ ގޯތިތެރެއަށް ވަދެފައެވެ. އޭނާ ވެގެންދިޔަ ވަޒަންވެރިންނާ އެކު ޔަހޫދީ ދީނުގެ އަޅުކަންވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 1967 ވަނަ އަހަރުން ފެށިގެން ޢަމަލުކުރާ ސްޓޭޓަސް ކޯ އެއްބަސްވުމުގެ ދަށުން، ޣައިރު މުސްލިމުންނަށް އެތަނުގައި އަޅުކަންކުރުން ހުއްދައެއް ނޫނެވެ.

ބެން ގަވީރް އެތަނުގައި ހުރެ ނެގި ވީޑިއޯއެއްގައި ބުނީ "މިއަދު މިތަނުގެ ވެރިމީހާއަކީ އަހަރެން ކަމަށް ހީވާ" ކަމަށެވެ. އަދި ބޮޑުވަޒީރު ބެންޔަމިން ނެތަންޔާހޫ ލައްވައި އިތުރު ކަންކަން ކުރުވުމަށް ބާރު އަޅަމުންދާ ކަމަށާއި، "އިތުރަށް ކުރިއަށް ދާން ޖެހޭ" ކަމަށް ބުންޏެވެ. ނެތަންޔާހޫގެ އޮފީހުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.

އުރުދުންގެ ޚާރިޖީ ވުޒާރާއިން ވަނީ ބެން ގަވީރް ވަނުން ކުށްވެރިކޮށް، ސްޓޭޓަސް ކޯ އެއްބަސްވުމާ ޚިލާފު ޢަމަލެއް ކަމަށް ބުނެފައެވެ. ފަލަސްޠީނުގެ ރިޔާސީ އޮފީހުންވެސް ވަނީ މި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ.

އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމާ އެކު އިޒްރޭލުން ވަނީ 40 ދުވަހަށް އަލްއަޤްޞާ މިސްކިތް ޢާންމުންނަށް ބަންދުކޮށްފައެވެ. އެ މުއްދަތުގައި ރަމަޟާން މަހާއި ޢީދު ނަމާދުވެސް މުސްލިމުންނަށް އެތަނުގައި ކުރެވިފައެއް ނުވެއެވެ. 1967 ވަނަ އަހަރު ޤުދުސް އިޙްތިލާލުކުރީއްސުރެ ޢީދު ނަމާދު ހުއްޓުވި ފުރަތަމަ ފަހަރަކީ މިއީއެވެ. މިސްކިތް އަލުން ހުޅުވީ އެޕްރީލް ނުވައެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް