ވަޒީރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް އަސަރުކޮށްފައިވީ ނަމަވެސް، މިހާތަނަށް ޝެޑިއުލާ އެއްގޮތަށް އޮމާނުން ތެލުގެ ޝިޕްމަންޓްތައް ލިބެމުން އަންނަ ކަމަށް ފިނޭންސް ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ތެލާއި ގޭސް ރާއްޖެއަށް ގެނައުމަށް މުހިންމު އިސްކަމެއް ދީގެން، ކުރިން ގެންނަ ޝެޑިއުލުގެ ބޭރުން އިތުރަށް ވެސް ތެޔޮ ގެންނަމުންދާ ކަމަށެވެ. އަދި މިހާރު އޮތް ހާލަތުގައި ހަރަދު ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، އެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ، ރާއްޖެއަށް އިމްޕޯޓުކުރާ ހުރިހާ ތެލަކީ އެސްޓީއޯއިން ގެންނަ ތެޔޮ ނޫން ކަމަށާއި، އަމިއްލަ ފަރާތްތަކުން އިމްޕޯޓުކުރާ އިރު ތެލުގެ އަގު ބޮޑު ނުކޮށްފި ނަމަ އެ ފަރާތްތަކަށް ވިޔަފާރީގައި ނުތިބެވޭނެ ކަމަށެވެ. އެހެންކަމުން ތެލުގެ އަގު ބޮޑުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލާފައިވީ ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ހެޔޮ ބަދަލެއް އަދި ނާންނަ ކަމަށް ވެސް ޒަމީރު ފާހަގަކުރެއްވިއެވެ.
އެ ބައްދަލުވުމުގައި އިކޮނޮމިކް ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ހަނގުރާމައާ ހެދި ލަންކާގައި ތާށިވެފައި ހުރި 4،200 ކޮންޓެއިނާގެ ތެރެއިން ގިނަ އަދަދެއް ރާއްޖެ ގެނެސްފައިވާ ކަމަށާއި، މިހާރު ލަންކާގައި ބާކީ ހުރީ 1،740 ކޮންޓެއިނާ ކަމަށެވެ. މާލޭ ބަނދަރުގައި މިހާރު ވެސް 1،200 ކޮންޓެއިނާގެ މުދާ އެބައޮތް ކަމަށާއި، މި ހަފްތާ ތެރޭ އިތުރު 2،500 ކޮންޓެއިނާ އަންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި އަހަރު ރާއްޖޭގެ އިމްޕޯޓު 19 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، އެއާލައިންތަކުގެ ދަތުރުތައް އިތުރުވުމާ އެކު އެއާކާގޯ ގެނައުމުގައި ވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. މި ހާލަތުގައި ވިޔަފާރިވެރިންނާ ގާތުން މަސައްކަތްކޮށްގެން ލުއި ގޮތްތައް ހޯދަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް