ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުން - ފޮޓޯ: ޕޮލިސް
ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިޔަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ތުހުމަތުކުރެވޭ ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ފައިސާގެ ތެރެއިން ބައި ލައްކައެއްހާ ރުފިޔާ ހޯދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ. ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި މޫންލައިޓްވިލާ / ސ. މީދޫ، މުޙައްމަދު އަފްރާޙް (40އ) އާއި ދާރުލް އައްވަލް / ރ. މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) ކަމަށް ފުލުހުން ބުނެއެވެ. މި ހަތަރު މީހުން މިވަގުތު ތިބީ ބަންދުގައެވެ. މައްސަލައިގައި ތުހުމަތުކުރެވޭ ފަސް ވަނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މާފަންނު މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނީ މި އަހަރުގެ މާރިޗު 16 ވަނަ ދުވަހުގެ ހަވީރު 17:49 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. ވައްކަމުގައި ޖުމުލަ ހަތަރު މިލިޔަން ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ އިރު، އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 ރުފިޔާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަޙުޤީޤުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. ތަޙުޤީޤު މުޅިން ފުރިހަމަކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް