N/A
އިންޑިއާގެ ބިހާރުން މަހާރާޝްޓްރާއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ 163 ކުޑަ ފިރިހެން ކުދިން، މެދުތެރޭ ޕްރަދޭޝްގެ ކަޓްނީ ޑިސްޓްރިކްޓުގައި ދުއްވަމުންދިޔަ ރޭލެއްގެ ތެރެއިން ރެއިލްވޭ ފުލުހުން ސަލާމަތްކޮށްފިއެވެ.
ޕީޓީއައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ކުދިންނަކީ އުމުރުން ހަ އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނެވެ. ޗައިލްޑް ވެލްފެއާ ކޮމިޓީ (ސީޑަބްލިޔުސީ) އިން ލިބުނު މަޢުލޫމާތަކާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ރެއިލްވޭ ޕްރޮޓެކްޝަން ފޯސް (އާރުޕީއެފް) އާއި ގަވަރމެންޓް ރެއިލްވޭ ޕޮލިސް (ޖީއާރުޕީ) ގުޅިގެން ޕަޓްނާ-ޕޫރްނާ އެކްސްޕްރެސް ރޭލު ކަޓްނީ ސްޓޭޝަނުގައި ހުއްޓުވީއެވެ. އެ ކުދިން ގޮވައިގެން ދަތުރުކުރި އަށް މީހުން އަތުގައި ޓިކެޓެއް ވެސް، ލިޔެކިޔުމެއް ވެސް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާރުޕީއެފް ކަޓްނީގެ އިންސްޕެކްޓަރު ވިރެންދުރާ ސިންގ ބުނީ، ފުރަތަމަ ބެލި ބެލުމުން އެ ކުދިން ގެންދިޔައީ ބިހާރުގެ އަރާރިއާ ސަރަހައްދުން މަހާރާޝްޓްރާގެ ލާތޫރަށް، މަސައްކަތް ކުރުވުމަށް ކަމަށެވެ.
ޖީއާރުޕީން ވަނީ ތުހުމަތުކުރެވޭ އަށް މީހުންގެ މައްޗަށް ބާރަތީޔާ ނިޔާޔާ ސަންހިތާ (ބީއެންއެސް) ގެ 143 ވަނަ މާއްދާގެ (4) ގެ ދަށުން، 18 އަހަރު ނުފުރޭ ކުޑަކުދިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައެވެ. ތުހުމަތުކުރެވޭ އެންމެންނަކީ ވެސް ބިހާރުގެ އެކި ޑިސްޓްރިކްޓުތަކުގެ މީހުންނެވެ.
ސަލާމަތްކުރި ކުދިންނަށް ކައުންސެލިން ދެމުންދާ ކަމަށާއި، އެ ކުދިންގެ ޢާއިލާތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރު މަނީޝް ތިވާރީ ބުންޏެވެ. ބައެއް ކުދިން ކަޓްނީ އާއި ޖަބަލްޕޫރުގެ ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް