N/A
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުން އިއްތިފާޤުން ނިންމެވީ ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޢައިޝާ ޝުޖޫން މުޙައްމަދެވެ. އެ ކަމަނާގެ ރައުޔަށް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދުކުރެއްވިއެވެ.
މި މައްސަލައަކީ ސިނާނާއި އެހެން ބަޔަކު ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެން ހިތަދޫ ކޯޓުން 2024 ވަނަ އަހަރުގެ އޮކްޓޯބަރުގައި ކުރި ހުކުމާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ. އެ ހުކުމުގައި އަމުރުކޮށްފައި ވަނީ ހަ މަހަށް ބަހާލައިގެން 2.5 މިލިއަން ރުފިޔާ ދެއްކުމަށެވެ. ހުކުމް ކުރީ ސިނާންގެ ޣައިރު ހާޒިރުގައެވެ.
ސިނާންގެ ދިފާޢުގައި ވަކީލު މޫސާ ޢާލިމް ވިދާޅުވީ، ހުކުމް ކުރިކަން ސިނާނަށް އެނގުނީ 2025 ވަނަ އަހަރުގެ ޖެނުއަރީ 22 ގައި ކަމަށާއި، އެނގުމާ އެކު އެމްއައިބީއާ މުޢާމަލާތްކޮށް ފައިސާ ދައްކާނެ ގޮތަކާ މެދު އެއްބަސްވެ، އެ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު ވަނީ އެ ދިފާޢާ ދެކޮޅަށް ހެކި ހުށަހަޅުއްވައިފައެވެ. އެ ގޮތުން، ހުކުމް ކުރި ދުވަހު އެމްއައިބީން ވައިބާ މެދުވެރިކޮށް ސިނާނަށް ހުކުމް ފޮނުވި ކަމަށާއި، ގަޑިއިރެއް ނުވަނީސް ސިނާން އެ މެސެޖަށް ޖަވާބު ދީފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ހުކުމާ އެއްގޮތަށް ނުދައްކައި އޮތް ސާބިތު ދަރަންޏެއް ހުރި ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެއެވެ. މިއީ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ގެއްލުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް