ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު މުރާޖައާކުރުމަށް މަޖިލީހަށް ގޮވާލައިފި

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް މަހެއް ވެފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރު ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މި...

12 Apr 2026 | 06:10
ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ މައްސަލަ ހުށަހެޅުއްވި މެންބަރު /ފޮޓޯ: މަޖިލިސް

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ މައްސަލަ ހުށަހެޅުއްވި މެންބަރު /ފޮޓޯ: މަޖިލިސް

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް މަހެއް ވެފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރު ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ އެދިފައެވެ.

މިކަމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ވޭތުވެދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި އަނިޔާވި އަށް މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ. އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް މާލޭގައި ފަރުވާ ދެމުންދާއިރު، އެކަކަށް އެ ރަށުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. މެންބަރު އެދިވަޑައިގަންނަވަނީ މަޖިލީހުގެ "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ" މެދުވެރިކޮށް މިކަމުގެ ތަފްސީލީ މައުލޫމާތުތައް ހޯދުމަށެވެ.

މަޖިލީހަށް ހުށަހެޅި މި މައްސަލައިގައި، އެ އިމާރާތަކީ ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނާއި އެކޮމޮޑޭޝަން ވިޔަފާރީގެ ގަވާއިދުތަކާ އެއްގޮތަށް ހިންގާ ތަނެއްތޯ ސާފުކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ނިޔާވި މީހުންގެ ވޯކްޕާމިޓްގެ ސައްހަކަމާއި، އެމީހުން ގެންގުޅުނު ފަރާތްތަކުން ބިދޭސީން ބޭތިއްބުމުގެ މިންގަނޑުތަކަށް އަމަލުކޮށްފައިވޭތޯ ބެލުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ހޯމް މިނިސްޓްރީން މިފަދަ ތަންތަން ބަލައި ފާސްކުރުމުގައި ގެންގުޅޭ އުސޫލުތަކާއި، ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ މައުލޫމާތުތައް ހޯދުމަށްވެސް މެންބަރުގެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ. އަދި މިކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ އާއި، ރަށު ކައުންސިލުން އެތަނަށް ހުއްދަ ދީފައިވާ ގޮތް ބެލުމަކީވެސް މެންބަރު ބޭނުންފުޅުވާ ކަމެކެވެ.

ގާތްގަނޑަކަށް 30 މީހުން ދިރިއުޅުނު އެ އިމާރާތުގައި އަލިފާން ރޯވީ ގޭސް ލީކުވެގެން ކަމަށް ބެލެވުނު ނަމަވެސް، ރަސްމީ އިދާރާއަކުން އަދި އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ރަށުން ލިބޭ މައުލޫމާތުތަކަށް ބަލާއިރު، ހާދިސާ ހިނގީ ދަންވަރު ބަޔަކު ކައްކަން އުޅެނިކޮށެވެ. އަދި އަލިފާންގަނޑު ބޮޑުވުމުގެ ސަބަބުން، އެތަނުގައި ތިބި މީހުން ސަލާމަތް ކުރަން ޖެހުނީ އިމާރާތުގެ ފަހަތު ފާރު ތަޅާލައިގެން ކަމަށް އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް