އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް - ފޮޓޯ: ވައިޓްހައުސް
އީރާނަށް ހަތިޔާރު ފޮނުވައިފިނަމަ ޗައިނާއަށް "ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހޭނެ" ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބެއިޖިންއަށް އިންޒާރުދީފިއެވެ.
ވައިޓް ހައުސްއިން ފުރާވަޑައިގަންނަވަމުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް މި އިންޒާރު ދިނީ، އެމެރިކާގެ އިންޓެލިޖެންސް މަޢުލޫމާތަކާ ހަވާލާދީ ސީއެންއެން އިން، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޗައިނާއިން އީރާނަށް އާ އެއާ ޑިފެންސް ނިޒާމުތަކެއް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ. "ޗައިނާއިން އެ ކަން ކޮށްފިއްޔާ، ޗައިނާއަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެ" ޓްރަމްޕް ބުންޏެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ފޯނުން ވާހަކަ ދެއްކިތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޓްރަމްޕް ޖަވާބެއް ނުދިނެވެ. ޓްރަމްޕް ޝީއާ ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ، ކުރިއަށް އޮތް މަހުގެ ކުރީކޮޅު ޗައިނާގައެވެ.
ސީއެންއެން އިން މަޢުލޫމާތު ދިން ތިން މަސްދަރެއްގެ ހަވާލާއާ އެކު ބުނީ، އިންޓެލިޖެންސް އެސެސްމަންޓުތަކުން ދައްކާ ގޮތުގައި އީރާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފުރުޞަތެއް ކަމުގައި ބަލައިގެން، ބޭރުގެ މުހިންމު ބައިވެރިންގެ އެހީއާއެކު ވަކި ޒާތެއްގެ ހަތިޔާރުތަކެއް އަލުން ޖަމާކުރުމުގެ މަސައްކަތްކުރަމުން ގެންދެއެވެ.
ޓްރަމްޕުގެ މި އިންޒާރު މިއައީ، އެމެރިކާގެ ވައިސް ޕްރެޒިޑެންޓް ޖޭޑީ ވޭންސްގެ ލީޑުކުރުމުގައި، ޓްރަމްޕުގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނާރު ހިމެނޭ އެމެރިކާގެ ވަފުދެއް، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ އާއި ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފްގެ ވަފުދާއެކު، އިސްލާމްއާބާދުގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދާ ވަގުތެއްގައެވެ. ޕާކިސްތާނު މެދުވެރިއެއްގެ ގޮތުގައި ބައިވެރިވާ މި ތިން ޤައުމުގެ ބައްދަލުވުން ދިގުލައިގެން ގޮސް، މިއަދު ފަތިހާ ހަމައަށް ވެސް ކުރިއަށް ދިޔަ ކަމަށް އީރާނުގެ މީޑިއާ ބުނެއެވެ.
ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނުގެ އަސްކަރީ އަދި ސަރުކާރުގެ އެތައް ތަނަކަށް ވައިގެ ހަމަލާތައް ދިނުމަށްފަހު، ދެ ޤައުމުގެ ދެމެދުގައި މި ހަނގުރާމަ ފެށިފައިވާއިރު، ޕާކިސްތާނު މެދުވެރިއަކަށް ވެގެން މިދިޔަ މަހުގެ 8 ވަނަ ދުވަހު ދެ ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލެވުނެވެ. ނަމަވެސް ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލްގެ މައްސަލަ އާއި ލުބުނާންގައި އިސްރާއީލާއި ޙިޒްބުﷲ ދެމެދުގެ ހަމަލާތައް އަލުން ފެށުމާއެކު، އެއްބަސްވުން ނާޒުކު ޙާލަތެއްގައި އޮތްކަން ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް