ފޯޅަވަހި މޮރިޝަސް އާ ހަވާލުކުރުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި

ފޯޅަވަހި (ޗާގޮސް ޖަޒީރާތައް) މޮރިޝަސްގެ ބާރުގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުން، ލާމަހްދޫދު މުއްދަތަކަށް މަޑުޖައްސާލަން އިނގިރޭސި ސަރުކާރުން ނިންމައިފިއެވެ. ހޮނިހިރު ދުވަހު އިނގިރޭސި ސަރުކާރުން ހާމަ...

12 Apr 2026 | 00:32
ފޯޅަވަހި -

ފޯޅަވަހި -

ފޯޅަވަހި (ޗާގޮސް ޖަޒީރާތައް) މޮރިޝަސްގެ ބާރުގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުން، ލާމަހްދޫދު މުއްދަތަކަށް މަޑުޖައްސާލަން އިނގިރޭސި ސަރުކާރުން ނިންމައިފިއެވެ.

ހޮނިހިރު ދުވަހު އިނގިރޭސި ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ނިންމުމަށް މައިގަނޑު ދެ ސަބަބެއް ވެއެވެ. ފުރަތަމަ ސަބަބަކީ، އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ތާއީދުކުރަން ކުރިން ނިންމި ނަމަވެސް އެ ނިންމުން އަނބުރާ ގެންދިއުމެވެ. ދެވަނަ ސަބަބަކީ، އެ އެއްބަސްވުމަށް ޤާނޫނީ ބާރު ހޯދުމަށް ބަލާއިރު ޤާނޫނު ހަދާ މަޖިލީހުގެ ދައުރު ހަމަވެފައި ވުމެވެ.

ފޯޅަވަހި މޮރިޝަސް އާ ހަވާލުކުރުމުގެ އެއްބަސްވުމަށް ޓްރަމްޕް ފުރަތަމަ ތާއީދުކުރި ނަމަވެސް، ޖެނުއަރީ މަހު އެ ނިންމުން ބަދަލުކުރިއެވެ. ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ޓްރަމްޕް އެ އެއްބަސްވުން ސިފަކުރީ "ބޮޑުވެގެންވާ މޮޔަ ޢަމަލެއް" ގެ ގޮތުގައެވެ.

"ޑިއެގޯ ގާސިއާ އަކީ އިނގިރޭސިވިލާތާއި އެމެރިކާ، ދެ ޤައުމަށް ވެސް މުހިންމު އަސްކަރީ މަރުކަޒެކެވެ. އެ ތަނުގެ އޮޕަރޭޝަނަލް ސަލާމަތްކަން ދިގު މުއްދަތަކަށް ކަށަވަރުކުރުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އިސްކަމެވެ. އެއީ މި އެއްބަސްވުމުގެ މައިގަނޑު ބޭނުން ވެސް މެއެވެ،" ކަމަށް އިނގިރޭސި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެމެރިކާގެ ތާއީދު ނެތި އެއްބަސްވުމާއިގެން ކުރިއަށް ނުދާނެ ކަމަށާއި، އެމެރިކާ އާއި މޮރިޝަސް އާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެއްބަސްވުމުގެ ދަށުން، އިނގިރޭސިވިލާތުން ޑިއެގޯ ގާސިއާ ބޭސް މަދުވެގެން 99 އަހަރަށް އަލުން ކުއްޔަށް ހިފުމަށް ހަމަޖެހިފައި އޮތެވެ. ކުއްޔަށް ހިފުމުގެ އަގަކީ އަހަރަކަށް 101 މިލިއަން ޕައުންޑެވެ. ފާއިތުވި އަހަރުތަކުގައި އދ. އާއި އެ ޖަމާޢަތުގެ އެންމެ މަތީ ކޯޓުން ވަނީ ފޯޅަވަހި މޮރިޝަސް އާ ޙަވާލުކުރުމަށް އިނގިރޭސިވިލާތަށް ގޮވާލާފައެވެ. ނަމަވެސް އިނގިރޭސި އިދިކޮޅު ކޮންޒަރވޭޓިވް ޕާޓީ އާއި ރިފޯމް ޔޫކޭ އިން އެ އެއްބަސްވުމާ ދެކޮޅު ހަދައި، ފޯޅަވަހި ދޫކޮށްލުމުން ޗައިނާ އާއި ރަޝިޔާގެ ނުފޫޒު ފޯރުވުމުގެ ފުރުޞަތު ފަހިވާނެ ކަމަށް ބުނަމުން ދެއެވެ.

ފޯޅަވައްސަކީ ރާއްޖޭގެ ދެކުނުން، ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ، ގާތްގަނޑަކަށް 60 ޖަޒީރާގެ މައްޗަށް އެކުލެވިގެންވާ ސަރަޙައްދެކެވެ. 1814 ވަނަ އަހަރުން ފެށިގެން ފޯޅަވަހި އޮތީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައެވެ. ޑިއެގޯ ގާސިއާ ބޭސް އިން އެމެރިކާގެ އަސްކަރިއްޔާ ވަނީ ވިއެޓްނާމު ހަނގުރާމައިން ފެށިގެން، ޢިރާޤާއި އަފްޣާނިސްތާން ހަނގުރާމައާ ހަމައަށް އެކި ހަރަކާތްތައް ހިންގާފައެވެ. ފަހުގެ ތާރީޚުގައި، އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ހިންގި ހަނގުރާމައިގައި ވެސް، އެމެރިކާގެ ބޮން އަޅާ ޖެޓުތަކުގެ މަރުކަޒެއްގެ ގޮތުގައި ޑިއެގޯ ގާސިއާ ބޭނުންކުރިއެވެ.

ފޯޅަވަށްސަކީ ތާރީޚީ ގޮތުން ދިވެހިންނާ ގުޅިފައިވާ ތަނެއް ކަމަށާއި، އެ ތަނުގެ ސިޔާދަތު މޮރިޝަސް އަށް ދިނުމަކީ ދިވެހިރާއްޖެ ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށް ދިވެހި ސަރުކާރުން ދަނީ ބުނަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި މި އަހަރުގެ ޖެނުއަރީ މަހު، ފޯޅަވަހީގެ ސިޔާދަތު މޮރިޝަސް އާ ހަވާލުކުރުމާ ދެކޮޅަށް އިނގިރޭސި ސަރުކާރަށް ރަސްމީ ދެ ސިޓީ ފޮނުއްވާފައެވެ. ފޯޅަވައްސަށް ދިވެހިންގެ ތާރީޚީ ހައްޤު އޮތް ކަމުގެ ހެކީގެ ގޮތުގައި، ފޯޅަވަހީގައި ހުރި 900 އަހަރުގެ ޤަދީމީ ޤަބުރުސްތާންތަކުގައި ދިވެހި ބަހުން ލިޔެފައިވާ ހިލަ ގާތައް ހުރުމާއި، 16 ވަނަ ޤަރުނުގެ ދިވެހި ރަސްކަލެއްގެ ޝާހީ ޤަރާރެއް ފާހަގަކުރެވިފައިވެއެވެ.

މީގެ އިތުރުން، ފޯޅަވަހީގެ މައްސަލާގައި ބައިނަލްއަޤުވާމީ ކޯޓު (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ވެސް ދިވެހި ސަރުކާރުން ދަނީ ކުރަމުންނެވެ. ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް ކަމަށް ބުނެ ދިވެހި ސަރުކާރުން އަޑު އުފުލަން ފެށުމާ ގުޅިގެން، މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު މޮރިޝަސް އިން ވަނީ ދިވެހިރާއްޖެއާ އޮތް ޚާރިޖީ ގުޅުން ކަނޑާލާފައެވެ.

1960 އާއި 1970ގެ އަހަރުތަކުގައި ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒު ޤާއިމުކުރުމަށް، އެ ޖަޒީރާގައި ދިރިއުޅެމުންދިޔަ އާބާދީ ވަނީ އެ ތަނުން ބޭރުކޮށްލާފައެވެ. އެ ކަމުގައި އެ ފަރާތްތަކާ މަޝްވަރާކުރެވިފައި ނުވާ ކަމަށް ފޯޅަވައްސަށް ނިސްބަތްވާ ޗާގޮސީ ވަންހައިގެ މީހުން ބުނެއެވެ. މިހާރު ގާތްގަނޑަކަށް 10،000 ޗާގޮސީ ވަންހައިގެ މީހުން ދިރިއުޅެނީ އިނގިރޭސިވިލާތާއި، މޮރިޝަސް އާއި، ސީޝެލްސްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް