ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރުއްވަނީ /ފޮޓޯ: ރައީސް އޮފީސް
ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ދިވެހިރާއްޖެއަށް ވުޖޫދީ
ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖަރުމަނުވިލާތަށް
މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަރމަން ކައުންސިލް
އޮން ފޮރިން ރިލޭޝަންސް (ޑީ.ޖީ.އޭ.ޕީ) އަށް ޒިޔާރަތްކުރައްވައި ދެއްވި
ތަޤުރީރެއްގައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުތައް ބެލެހެއްޓުމާ
ބެހޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ވިސްނުން ބަޔާންކޮށްދެއްވައި، ޚާރިޖީ
ސިޔާސަތުގައި ކަނޑުތައް އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ވާހަކަފުޅު
ދައްކަވާފައެވެ. ޑީޖީއޭޕީގެ ފަރާތުން ރައީސަށް މަރުޙަބާ ވިދާޅުވީ އެ ކައުންސިލްގެ
ނައިބު ރައީސް ރޮލްފް ނިކެލް އާއި، ޑިރެކްޓަރ ތޯމަސް ކްލައިން-ބްރޮކްހޯފްގެ
އިތުރުން ޑޮކްޓަރ ކިރާ ފިންކަރއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ފާހަގަކުރެއްވި ގޮތުގައި، މޫސުމީ
ތަންޒީމާއި ހަޔަވީ ސިންދަފާތާއި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން
ޤާއިމުކުރުމުގައި ކަނޑުތަކުން އަދާކުރާ ދައުރު ކިތަންމެ މުހިންމުނަމަވެސް،
އިސްތިރާޖީ އަދި ޚާރިޖީ ފިކުރުގައި އެކަށީގެންވާ މިންވަރަކަށް ކަނޑުތައް
ތަމްސީލުކުރެވިފައެއް ނުވެއެވެ. އަދި ތާރީޚީ، އިޤްތިޞާދީ، ޘަޤާފީ އަދި ދިފާޢީ
ގޮތުން ރާއްޖެ އާއި ކަނޑާ ލާމެހިފައިވާ މިންވަރު ފާހަގަކުރައްވައި، މޫސުމަށް
އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ދިވެހިންގެ ދިރިއުޅުމަށް
ކޮށްފާނޭ ނޭދެވޭ އަސަރުތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ހިންދު ކަނޑަކީ 21 ވަނަ ޤަރުނުގެ އެންމެ މުހިންމު އެއް ސަރަހައްދުކަން
ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖެ އޮންނަނީ ދުނިޔޭގެ ވިޔަފާރީގެ މައި
މަގުތަކެއް އަނގޮޅިވާ، އިސްތިރާޖީގޮތުން ވާދަވެރިކަން ބޮޑު ސަރަޙައްދެއްގައި
ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގައި މަޢުލޫމާތު ދައުރުކުރާ އެންމެ ބޮޑު ވިއުގަ
ކަމުގައިވާ، ކަނޑުގެ އަޑީގެ ޑިޖިޓަލް ބިނާރު ބެލެހެއްޓުމުގެ މުހިންމުކަންވެސް
އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކަނޑުތަކުގެ ރައްކާތެރިކަން
އިތުރުކޮށް ބައިނަލްއަޤުވާމީ މިންގަނޑުތައް ބައްޓަންކުރުމުގައި ކުދި
ދައުލަތްތަކުގެ ދައުރު އިތުރުވަމުންދާ ކަމަށެވެ. "ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ،
ދިވެހިރާއްޖެއަށް ވުޖޫދީ، އަދި ބައިނަލްއަޤުވާމީ މުޖުތަމަޢަށް އަސާސީ
ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދުނިޔޭގެ ކަނޑުތަކަކީ
އެންމެންގެ ޒިންމާ އާއި އެއްބާރުލުން އެކުލެވޭ ތަނެއްގެ ގޮތުގައި
ދެމެހެއްޓުމަށްޓަކައި ޖަރުމަނާއި އެހެނިހެން ޤައުމުތަކާއެކު މަސައްކަތްކުރުމަށް
ރާއްޖެއިން ތައްޔާރަށް އޮތްކަން ހާމަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ
ދައުލަތްތަކުގެ ކުރިމަގާއި ދުނިޔޭގެ ސުލްހަ މަސަލަސްކަން ބިނާވެގެންވަނީ ކަނޑުތައް
ބެލެހެއްޓުމުގައި ގެންގުޅޭ ހަމަތަކުގެ މައްޗަށްކަން އެމަނިކުފާނު
ފާހަގަކުރެއްވިއެވެ.
ތަޤުރީރަށްފަހު ކުރިމަތިވި ސުވާލުތަކަށް ޖަވާބުދެއްވަމުން، ކަނޑުގެ
ރައްކާތެރިކަމާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގައި ރާއްޖޭގެ ސިޔާސަތު
ބިނާވެފައިވަނީ އަވައްޓެރި ޤައުމުތަކާ އޮންނަ ގާތް ގުޅުމާއި، ސަރަޙައްދީ
މިނިވަންކަމަށް އިޙުތިރާމްކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ
މައްޗަށްކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ
ސަރަޙައްދު ބެލެހެއްޓުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ
ތަފްސީލު އެމަނިކުފާނު ދެއްވިއެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވޭ
މަސައްކަތްތަކުގައި ބައިވެރިވުމަކީ ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއްދޭ
ކަމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއާއި ޖަރުމަނާ ދެމެދު އޮތް 60 އަހަރުވީ ގުޅުމަށް
އަލިއަޅުއްވާލައްވަމުން، ގޮނޑުދޮށްތައް ހިމާޔަތްކުރުން ފަދަ މުހިންމު ދާއިރާތަކުން
ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ހުރި
ފުރުޞަތުތަކާ ގުޅޭގޮތުންވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް