"މޯލްޑިވްސް މެރިން އެކްސްޕޯ 2026" ގެ ތެރެއިން /ފޮޓޯ: ފުލުހުން
2026
ވަނަ އަހަރުގެ "މޯލްޑިވްސް މެރިން އެކްސްޕޯ" ގައި ދިވެހި ފުލުހުންގެ
ޚިދުމަތުން ބައިވެރިވެއްޖެއެވެ.
ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް
މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތް ކުރިއަށްދިޔައީ މި
ފެބުރުވަރީ މަހުގެ ފަހަކުން އަށަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި މައުރަޒުގައި ފުލުހުންގެ މެރިން ޕޮލިސް ޑިޕާޓްމަންޓުން ޚާއްސަ ސްޓޯލެއް
ހުޅުވައި، ޒިޔާރަތްކުރި ފަރާތްތަކަށް މުހިންމު މަޢުލޫމާތުތަކެއް
ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި މެރިން ޕޮލިހުން ކުރާ މަސައްކަތްތަކާއި، އެ
ފަރާތްތަކުން ބޭނުންކުރާ ޒަމާނީ ވަސީލަތްތަކުގެ އިތުރުން އެ ދާއިރާއިން ހުރި
ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިއްސާކުރެވުންކަމަށް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ ކަނޑުދަތުރުފަތުރާއި މެރިން ސިނާއަތުގެ
ވިޔަފާރިތަކަށް އައު ގުޅުންތައް ޤާއިމުކުރުމަށާއި، އެންމެ ފަހުގެ އުޅަނދުފަހަރާއި
އިންޖީނު އަދި ޓެކްނޮލޮޖީ ދައްކާލުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. މީގެ
އިތުރުން، މިއީ ރާއްޖެއާއި ބޭރުގެ ތަޖުރިބާކާރުންގެ މެދުގައި ޚިޔާލު
ބަދަލުކުރުމަށާއި، މޫދު ކުޅިވަރާއި ޑައިވިންގ ފަދަ ދާއިރާތަކަށް އާންމުން
ހޭލުންތެރިކުރުވައި ޝައުގުވެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދޭ ފުރުސަތެކެވެ.
ކަނޑުގެ
ސިނާއަތާ ގުޅުންހުރި ތަފާތު ދާއިރާތަކުން މި އެކްސްޕޯގައި ބައިވެރިވެފައިވާއިރު،
މީގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ނަންމަޝްހޫރު ބޯޓު ބަނުމުގެ
މަސައްކަތްކުރާ ފަރާތްތައްވެސް ހިމެނުންކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް