N/A
ދެ ކޮންޓޭނަރު ސިނގިރޭޓު ވަގަށްނެގި މައްސަލައިގާ މުހައްމަދު
ވަހީދު (ދިގަލި) އާއި އަހްމަދު އާރިފް (އާއްޓެ) އާއި ޙަސަން ޢަބްދުއްރަޙްމާން
ދޫކޮށްލައިފިއެވެ.
އެ ތިން މީހުންވެސް ދޫކޮށްލާފައިވަނީ ޝަރުތު
ކުރުމަށްފަހުގައެވެ.
މިކަމާއި ގުޅޭގޮތުން ޕީޖީއިން މިއަދު ބުނެފައިވަނީ މި
މައްސަލާގައި ދަޢުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މި އޮފީހުން މި ގެންދަނީ
ކުރަމުން ކަމަށާއި އަދި ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށް
ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ ޢަމަލުގައި ބައިވެރިވެފައިވާ
ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދަޢުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް
ރިޢާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު މިއަދު މުރާޖަޢާކޮށްފައިވާނެކަމަށް
ބުނެފައިވެއެވެ.
"އެގޮތުން މި ކުށުގެ ޢަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ
ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް އަދި
ކޮންޓެއިނަރ ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ
ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް
އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މި އޮފީހުން އެދުނުގޮތަށް އެ މީހުންގެ
ބަންދާމެދު ކޯޓުން ގޮތް ނިންމަވާފައިވޭ" ޕީޖީއިން ބުނެފައިވެއެވެ.
އެގޮތުން ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި،
މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ،
އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން
ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށާއި އަދި
ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް
ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް
ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށާއި ހަމަ އެހެންމެ ކ. މާލެ، ދަފްތަރު ނަންބަރު
ރސ 1355، މުޙައްމަދު ޝަރީފަކީ މި މައްސަލަ މި އޮފީހަށް ހުށަހެޅުނުއިރު ބަންދުގައި ހުރި
މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖަޢާކުރަންޖެހޭ ޙާލަތެއް ނެތް ކަމަށްވެސް ބުނެފައެއެވެ.
އެހެންކަމުން، މި މައްސަލާގައި މިހާރު ބަންދުގައި ތިބީ
ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު
ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންއާއި، ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި،
ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދާއި، ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ، ހ.
ނިއުހެޕިނަސް، މުޢާޛު ޢަލީއެވެ. އެ މީހުންގެ ބަންދު މުރާޖަޢާކުރުމަށްފަހު، މިވަގުތު
ބަންދަށް ބަދަލެއް ގެންނަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމާފައިވާނެ ކަމަށް
ޕީޖީއިން ބުނެފައިވެއެވެ. ސަބަބަކީ، އެމީހުންނަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން
ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ
ދައުލަތުގެ މުވައްޒަފުންނަށްވެތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ޙައިޞިއްޔަތު
ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީކަމުގައިވެސް
ބުނެފައިވެއެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ މި މައްސަލާގައި
ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ބަންދުގައި
ތިބި މީހުންގެ ބަންދާމެދު ތަފާތު ގޮތަކަށް ނިންމަންޖެހޭކަމަށްވާނަމަ އެ މީހުންގެ ބަންދު
އެ އޮފީހުން މުރާޖައާ ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް