ޝަމްޢާން ކުރީ ހަޤީޤަތާ ޚިލާފު ތުހުމަތުތަކެއް، ފޯނުގެ ލޮކް ކޯޑު ވެސް ނުދިން: ފުލުހުން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު ތަހުގީގާ ގުޅޭ ގޮތުން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، ތަހުގީގަށް ބޭނުންވި ފޯނުގެ ލޮ...

11 Jun 2026 | 14:49
ކުރީގެ ކޮންޓްރޯލް އޮފް އިމިގްރޭޝަން ޝަމްޢާން ވަހީދު - ފޮޓޯ: އިމިގްރޭޝަން

ކުރީގެ ކޮންޓްރޯލް އޮފް އިމިގްރޭޝަން ޝަމްޢާން ވަހީދު - ފޮޓޯ: އިމިގްރޭޝަން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު ތަހުގީގާ ގުޅޭ ގޮތުން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، ތަހުގީގަށް ބޭނުންވި ފޯނުގެ ލޮކް ކޯޑު ވެސް ޝަމްޢާން ދީފައި ނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ޝަމްޢާން މީޑިއާތަކާ ބައްދަލުކޮށް ކުރި ތުހުމަތުތަކަށް ރައްދުދީ ފުލުހުން ނެރުނު ބަޔާނުގައި ބުނީ، ބިދޭސީންގެ އަތުން ނުހައްޤު މާލީ މަންފާ ހޯދައި މަނީ ލޯންޑަރިން ހިންގި ކަމަށް ކުރެވުނު ތުހުމަތުތަކުގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ ޤާނޫނުތަކާއި އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. ތަހުގީގަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ކަމަށާއި، ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކުރިއެވެ.

ތަހުގީގުގެ ހޯދުންތަކުގެ ތަފްސީލް ހާމަކޮށް ފުލުހުން ބުނީ، އިމިގްރޭޝަނުން ހިންގި އޮޕަރޭޝަން ރޭވުމުގެ މަރުޙަލާއިން ފެށިގެން ތަންފީޒާ ހަމައަށް ހުރިހާ ކަމެއް ޝަމްޢާނަށް އެނގޭ ކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. 2025 ވަނަ އަހަރުގެ މާރިޗު 11 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނާ ގުޅޭ މަޝްވަރާތައް އޭގެ ހަފުތާއެއް ކުރިން ޝަމްޢާންގެ އޮފީހުގައި ބާއްވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ، އޮޕަރޭޝަނުގައި ހިފެހެއްޓި ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން 500,000 ރުފިޔާ އަށް އެއްބަސްވި ކަމަށެވެ. ފައިސާގެ ޢަދަދު ކަށަވަރުކުރުމަށް ތުހުމަތުކުރެވޭ ދެ މުވައްޒަފުން ޝަމްޢާނާ ގުޅި ކަމަށާއި، އެ ރޭ ދަންވަރު ތިނެއް ޖެހީހައިއިރު ފައިސާ ހުރި ކޮތަޅެއް ހިފައިގެން ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަށް ވަން ކަމަށެވެ. ގާތްގަނޑަކަށް ތިން މިނެޓް ފަހުން ނުކުތް އިރު އެ ކޮތަޅެއް ނެތް ކަމަށް ފުލުހުން ބުންޏެވެ. ޖެހިގެން އައި ދުވަހު ޝަމްޢާންގެ ދެ ބޭންކް އެކައުންޓަކަށް 259,837 ރުފިޔާ ޖަމާކޮށްފައިވާ ކަން ވެސް ތަހުގީގަށް ހޯދިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ފުލުހުން ވަކިން ފާހަގަކުރީ، ތަހުގީގުގެ މުޅި މަރުޙަލާގައާއި ޝަރުޢީ މަރުޙަލާގައި ވެސް ޝަމްޢާން ފޯނުގެ ލޮކް ކޯޑު ދީފައި ނުވާ ކަމެވެ. ފޯނުގައި ކޮރަޕްޝަންގެ ހެކި ހުރި ކަމަށް ޝަމްޢާން މީޑިއާ ކުރިމަތީ ބުނި ނަމަވެސް، 2025 ޑިސެންބަރު 25 ގައި ބަންދުން ދޫކޮށްލިފަހުން ވެސް އެ މަޢުލޫމާތު ފުލުހުންނަށް ނުވަތަ ކޮރަޕްޝަން ތަހުގީގުކުރާ އެހެން މުއައްސަސާއަކަށް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަޔާން ނިންމާލީ، ހުކުމާ މެދު ހިތްހަމަނުޖެހޭ ނަމަ ޝަރުޢީ ނިޒާމުގެ ތެރެއިން އިސްތިއުނާފުކުރުމުގެ ހައްޤު ބޭނުންކުރެވޭނެ ކަން ފާހަގަކޮށެވެ. ޝަމްޢާނަށް ކްރިމިނަލް ކޯޓުން 25 އަހަރުގެ ޖަލު ހުކުމެއް ވަނީ މި ހަފުތާ އިއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް