N/A
އީރާނުގެ އާ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ، ހަނގުރާމައިގެ ކުރީކޮޅު ދިން ވައިގެ ހަމަލާގައި މޫނާއި ފަޔަށް ލިބުނު ބޮޑެތި ޒަޚަމުތަކުން އަދިވެސް ފަސޭހަވަމުން އަންނައިރު، ހަނގުރާމައާއި އެމެރިކާއާ އެކު ކުރެވޭ މަޝްވަރާތަކުގައި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިސް ދައުރެއް އަދާކުރަމުންދާ ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފިއެވެ.
ރޮއިޓާސް އިން ތިން މަސްދަރަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ތެހެރާންގެ މެދުތެރޭގައި ހުންނަ ރޫހީ ލީޑަރުގެ ގަނޑުވަރަށް ފެބުރުވަރީ 28 ގައި ދިން ހަމަލާގައި މުޖުތަބާ ޚާމަނާއީގެ މޫނަށް ބޮޑެތި ގެއްލުންތަކެއް ލިބި ސިފަ ބަދަލުވެފައިވެއެވެ. އަދި އެއް ފައި ނުވަތަ ދެ ފަޔަށް ވެސް ބޮޑެތި ޒަޚަމުތަކެއް ލިބިފައިވެއެވެ. އެމެރިކާގެ އިންޓެލިޖެންސް އެސެސްމެންޓުތަކާ ރައްޓެހި މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ ފައެއް އުނިވެފައިވާކަމަށްވެސް ބެލެވޭ ކަމަށެވެ. އެ ހަމަލާއަކީ އެމެރިކާއާއި އިޒްރޭލުން ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު ދިން ހަމަލާއެވެ. އެ ހަމަލާގައި މުޖުތަބާގެ ބައްޕާފުޅު އަދި ކުރީގެ ރޫހީ ލީޑަރު އާޔަތު ﷲ ޢަލީ ޚާމަނާއީ އަވަހާރަވިއެވެ. އެ ހަމަލާގައި މުޖުތަބާގެ އަނބިކަނބަލުންނާއި ޅިޔަނާއި ފަހަރިކަނބަލުން ވެސް އަވަހާރަވިއެވެ.
އުމުރުން 56 އަހަރުގެ މުޖުތަބާ ޚާމަނާއީގެ ހާލު ރަނގަޅުވަމުން އަންނައިރު، ވިސްނުންފުޅު ސާފު ކަމަށާއި، އިސް ވެރީންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ. ނަމަވެސް ރޫހީ ލީޑަރުގެ މަގާމަށް އައްޔަންކުރެއްވި ފަހުން މިހާތަނަށް އެމަނިކުފާނުގެ ފޮޓޯއެއް، ވީޑިއޯއެއް ނުވަތަ އޯޑިއޯ ރެކޯޑިންގެއް ވެސް އާންމުކޮށްފައި ނުވެއެވެ. އީރާނުގެ ސޯޝަލް މީޑިއާގައި އެމަނިކުފާނުގެ ހާލާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު، އެއް ދެ މަސް ތެރޭ ފޮޓޯ ނެރެފާނެ ކަމުގެ އިޝާރާތެއް މަސްދަރުތަކުން ދީފައިވެއެވެ.
މިޑްލް އީސްޓް އިންސްޓިޓިއުޓުގެ ސީނިއާ ފެލޯ އެލެކްސް ވަޓަންކާ ރޮއިޓާސް އަށް ބުނީ ޒަޚަމުތަކުގެ ބޮޑުމިނާ ގުޅުމެއް ނެތި ވެސް، ތަޖުރިބާ މަދު ލީޑަރަކަށް ބައްޕާފުޅު ގެންގުޅުއްވި ފެންވަރުގެ ބާރު ހޯދުން ދަތިވާނެ ކަމަށެވެ. ބައްޕާފުޅު އަވަހާރަކޮށްލުމަށް ފަހު މުޖުތަބާ ޚާމަނާއީ ވެރިކަމަށް ގެންނެވުމުގައި ރެވޮލިއުޝަނަރީ ގާޑުން އިސް ދައުރެއް އަދާކުރީއެވެ. ހަނގުރާމައިގެ ސްޓްރެޓެޖިކް ނިންމުންތަކުގައި ރެވޮލިއުޝަނަރީ ގާޑުގެ ބާރު ގަދަވެފައިވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް