އެންމެ ފަހުން ކުރިއަށްގެންދިޔަ ބޯހިމުނުމުގައި ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން - ފައިލް ފޮޓޯ: ސްޓެޓްސް މޯލްޑިވްސް
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މި އަހަރު ކުރިއަށް ގެންދާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2026" ގައި މާލޭގައި ހަރަކާތްތެރިވާނެ 22 އެނިއުމަރޭޓަރުން ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މިއީ ކޮންމެ ފަހެއް ނުވަތަ ހައެއް އަހަރުން ކުރާ ދިރާސާއެކެވެ. މި ސަރވޭގައި 4،000 އަށްވުރެ ގިނަ ގޭބިސީން މަޢުލޫމާތު އެއްކުރާނެ ކަމަށް އެ ބިއުރޯއިން ބުނެއެވެ. މާލެ ސަރަޙައްދުގައި ސަރވޭ ފެށުމަށް ތައްޔާރުވަމުންދާއިރު، އަތޮޅުތެރޭގައި ސަރވޭ ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ތެރޭގައެވެ.
މި ސަރވޭގެ މަޤުޞަދަކީ ގޭބިސީތަކުގެ އެވެރެޖް ޚަރަދާއި އެކި ކަންކަމަށް ޚަރަދުކުރާ މިންވަރު ދެނެގަތުމާއި، ރާއްޖޭގެ ފަޤީރުކަމުގެ މިންގަނޑު އެކުލަވާލުމާއި، ބާޒާރުގެ އަގުތަކުގެ މިންގަނޑު (ސީޕީއައި) ގެ ބުރަދަން އިޞްލާޙުކުރުމެވެ. މީގެ އިތުރުން ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދު ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުންވެސް މި ސަރވޭގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އެނިއުމަރޭޓަރުންގެ ގޮތުގައި ކުރިމަތިލެވޭނީ ޖީސީއީ އޯ ލެވެލް ފެންވަރަށް ތަޢުލީމު ޙާޞިލުކޮށްފައިވާ، އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތްކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ. ހޮވޭ ފަރާތްތަކަށް ފަސް ދުވަހުގެ ތަމްރީނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 150 ރުފިޔާ، ފީލްޑް މަސައްކަތުގެ ކޮންމެ ދުވަހަކަށް 500 ރުފިޔާ، ފުޑް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި ދުވާލަކަށް 30 ރުފިޔާ ލިބޭނެއެވެ.
މި ސަރވޭގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 16 އެޕްރީލް 2026 ގެ މެންދުރު 2:00 ގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެ ބިއުރޯއިން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް