ހުޅުމާލޭ މަގެއްގައި ޓެކްސީތަކެއް - ފައިލް ފޮޓޯ: ދުވަސް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން "މާލޭ ޓެކްސީ ލައިން" ގެ ނަމުގައި ފެށި ޓެކްސީ ޚިދުމަތާ ގުޅިގެން، އެ ޚިދުމަތުގެ ސަބަބުން އަމިއްލަ ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް ބުނެ ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޓެކްސީ ޑްރައިވަރުންނަކީ ޒަމާނުއްސުރެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ބައެއް ކަމަށާއި، އެތައް ސަތޭކަ ދިވެހި އާއިލާއެއްގެ އާމްދަނީ ސީދާ ގުޅިފައިވަނީ މި ދާއިރާއާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ކުންފުންޏަކުން މި ދާއިރާއަށް ވަނުމަކީ އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލޭނެ ކަމެއް ކަމަށް ކުރިންވެސް ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ފާހަގަކުރި ގޮތުގައި، އަމިއްލަ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ހަރުކަށި އުސޫލުތަކުން ރެގިއުލޭޓްކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުން ދާ އިރު، އެމްޓީސީސީގެ ޓެކްސީ ޚިދުމަތް ކުރިއަށް ދަނީ ޓެކްސީ ގަވާއިދު (ނަންބަރު R-132/2022) ގެ ހަތް ވަނަ މާއްދާގެ (ހ) އާއި 11 ވަނަ މާއްދާގެ (2) ގެ (ހ)، (ށ)، (ނ) އަދި (ރ) އާ ޚިލާފަށެވެ. މީގެ އިތުރުން ވާދަވެރިކަމުގެ ޤާނޫނު (ނަންބަރު 2020/11) ގެ އެތައް މާއްދާއަކާ ވެސް ޚިލާފު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޚާއްޞަކޮށް ސަރުކާރުގެ އެޕްލިކޭޝަނެއް ތައްޔާރުވަންދެން މި ޚިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާ ނިންމުމަކީ، އިގްތިސާދީ ގޮތުން ދަތި މި ދަނޑިވަޅުގައި ޑްރައިވަރުންގެ އާމްދަނީއަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ވަނީ ޓްރާންސްޕޯޓް ވުޒާރާއާއި ފުލުހުން ހިމެނޭ ގޮތަށް ކަމާބެހޭ ހުރިހާ އިދާރާތަކުން، އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ޓެކްސީތަކާ މެދު ވެސް ހަމަހަމަ އުސޫލަކުން ގަވާއިދުތައް ތަންފީޒުކުރުމަށް ގޮވާލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް