މުއްސަނދި އަދި ފަގީރު ޤައުމުތަކުގެ ފަރަގު އިންތިހާއަށް ބޮޑުވަމުން އަންނަ ކަމަށް އދ އިން ބުނެފި

މުއްސަނދި ޤައުމުތަކާއި ފަގީރު ޤައުމުތަކާ ދެމެދު އޮތް މާލީ ފަރަގު އިތުރަށް ފުޅާވަމުން އަންނަ ކަމަށާއި، އެ ފަރަގު ކުޑަކުރުމަށް ޤައުމުތަކުން އެއްބަސްވި ކަންކަން ތަންފީޒުނުވެ ހުރި ކަމަށް އދ. ގެ ރިޕޯޓެއްގަ...

11 Apr 2026 | 09:44
N/A

N/A

މުއްސަނދި ޤައުމުތަކާއި ފަގީރު ޤައުމުތަކާ ދެމެދު އޮތް މާލީ ފަރަގު އިތުރަށް ފުޅާވަމުން އަންނަ ކަމަށާއި، އެ ފަރަގު ކުޑަކުރުމަށް ޤައުމުތަކުން އެއްބަސްވި ކަންކަން ތަންފީޒުނުވެ ހުރި ކަމަށް އދ. ގެ ރިޕޯޓެއްގައި ބުނެފިއެވެ.

މި ރިޕޯޓަކީ މިދިޔަ އަހަރުގެ ޖޫން މަހު ސްޕެއިނުގެ ސެވިލްގައި ބޭއްވި ކޮންފަރެންސެއްގައި ބައިވެރިވި ޤައުމުތަކުން ފާސްކުރި "ސެވިލް ކޮމިޓްމެންޓް" ތަންފީޒުވަމުންދާ މިންވަރު ވަޒަންކުރުމަށް ނެރުނު ރިޕޯޓެކެވެ. އެ ކޮމިޓްމެންޓުގައި ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް އިންވެސްޓްމެންޓް އިތުރުކުރުމަށާއި ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ބައިނަލްއަޤުވާމީ މާލީ އިދާރާތައް އިޞްލާޙުކުރުމަށް ގޮވައިލާފައިވެއެވެ. ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ހަތަރު ޓްރިލިއަން ޑޮލަރުގެ އަހަރީ ފައިނޭންސިން ފަރަގު ކުޑަކުރުމަކީ އެ ކޮމިޓްމެންޓުގެ މައިގަނޑު އަމާޒެވެ. ނަމަވެސް އެމެރިކާ އެ ކޮމިޓްމެންޓުގައި ބައިވެރިވެފައެއް ނުވެއެވެ.

އދ. ގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ކަންކަމާ ބެހޭ އަންޑަ ސެކްރެޓަރީ ޖެނެރަލް ލީ ޖުންހުއާ ވިދާޅުވި ގޮތުގައި، ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފައިނޭންސް ހޯދުމުގެ ދަތިކަން އިތުރުވަމުންދާ ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރު 25 ޤައުމަކުން ތަރައްޤީގެ އެހީ ކުޑަކުރުމުގެ ސަބަބުން 2024 ވަނަ އަހަރާ އަޅައިބަލާއިރު 23 އިންސައްތައިގެ ދަށްވުމެއް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު އަހަރީ ދަށްވުމެވެ. އެންމެ ބޮޑު ދަށްވުމެއް ފެނުނީ އެމެރިކާގެ އެހީގައި ކަމަށާއި، އެ ޤައުމުގެ އެހީ 59 އިންސައްތައަށް ދަށްވެފައިވާ ކަމަށް ލީ ވިދާޅުވިއެވެ. ޕްރިލިމިނަރީ ޑޭޓާއަށް ބަލާއިރު 2026 ވަނަ އަހަރު އިތުރު 5.8 އިންސައްތައިގެ ދަށްވުމެއް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޓެރިފްތައް މަތިވުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ އެކްސްޕޯޓަށް ނަގާ ޓެރިފް 2025 ވަނަ އަހަރު ނުވައެއް އިންސައްތައިން 28 އިންސައްތައަށް މައްޗަށް ޖެހިފައިވެއެވެ. ޗައިނާ އިސްތިސްނާކޮށް، ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކަށް ބަލާއިރު، ޓެރިފް ދޭއް އިންސައްތައިން 19 އިންސައްތައަށް އުފުލިފައިވެއެވެ.

މި ރިޕޯޓް ނެރެފައި ވަނީ އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ ބައްދަލުވުންތައް އަންނަ ހަފުތާގައި ވޮޝިންގްޓަނުގައި ބާއްވަން ތައްޔާރުވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް