N/A
އިދިކޮޅު އެމްޑީޕީގެ އެތެރޭގައި އުފެދުނު މައްސަލައަށް ހައްލެއް ހޯދިފައިވާ ކަމަށް އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން އެމަނިކުފާނުގެ އުފަންރަށް ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ، މައްސަލަ ޖެހުނު ހިސާބުން ފެށިގެން ޕާޓީގައި އިސްކޮށް ތިއްބެވި ހުރިހާ ލީޑަރުން މަޝްވަރާކޮށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށެވެ. އެ މަޝްވަރާތަކުގައި އިއްޔެ އާއި ރޭ ވެސް ގިނަ ވަގުތު ހޭދަކުރެއްވި ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ، މިހާ ހިސާބަށް އާދެވުނު އިރުގައި އަޅުގަނޑުމެން މިވަނީ މިކަމަށް ހައްލެއް ހޯދާފައި. އާއްމު މެންބަރުން އެ އެދޭ ގޮތަށް އަޅުގަނޑުމެން މުޅި ލީޑަޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނު އިރު ހޯދިއްޖެ،" އިބޫ ވިދާޅުވިއެވެ.
ނަމަވެސް އެ ހައްލު ރަސްމީކޮށް އިއުލާނުކުރެވޭނީ މާދަމާ ނުވަތަ މާދަމާ ރޭގެ ވަގުތެއްގައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މުޅި ލީޑަޝިޕް އެކީގައި، އެއްވެސް މީހަކު ބާކީ ނުވާ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގައި މައްސަލަ އުފެދުނީ ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވާހަކަދައްކަވަން ފުރުސަތު ނުދެއްވުމުންނެވެ. އެކަމާ ގުޅިގެން ވަގުތީ ޗެއާޕާސަން ޢަބްދުލް ޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޤައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮޔާ އެކު ހުށަހެޅިފައިވެއެވެ. އޭގެ އިތުރުން ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން (މާލީ) އިބްރާހީމް ވަޙީދާއި ލީގަލް ޑައިރެކްޓަރު އަޙްމަދު މައުރޫފް ކުއްލި ގޮތަކަށް ވަކިކުރުމުން ވެސް މައްސަލަ އިތުރަށް ހޫނުވެގެން ދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް