އިއްޔެ ފޮއްޓެއްގެ ވޯޓު އަލުން ގުނުން ކުރިއަށްދިޔަ ވަގުތު -
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މ. ވޭވަށު ކައުންސިލް މެންބަރުކަމުގެ ގޮނޑިއަށް ވޯޓު ލީ ފޮށި، ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަލުން ގުނައިފިއެވެ. ނަމަވެސް ނަތީޖާއަށް އެއްވެސް ބަދަލެއް ނައިސް، ގޮނޑި ކާމިޔާބުކުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް އަހުޝަން ނަޢީމެވެ.
އެ ގޮނޑިއަށް ވާދަކުރީ އެމްޑީޕީގެ އަހުޝަން ނަޢީމާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މުޙައްމަދު ނަޒީޙެވެ. ވަގުތީ ނަތީޖާގެ ފުރަތަމަ ހިސާބުތައް ދެއްކި ގޮތުން އަހުޝަނަށް 122 ވޯޓު އަދި ނަޒީޙަށް 120 ވޯޓު ލިބިފައިވެއެވެ. ބާތިލު ވޯޓުތަކާ މެދު ސުވާލު އުފެދިގެން ހުށަހެޅި ޝަކުވާއާ ގުޅިގެން ފޮށި އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓެއްގެ ވެސް އެއް ވޯޓު ވަނީ އުނިވެފައެވެ. ނަމަވެސް ގޮނޑި ކާމިޔާބުކުރި ފަރާތް ބަދަލެއް ނުވެއެވެ.
ބައެއް ވޯޓު ބާތިލުވީ ފާހަގަ ޖެހުމުގެ ބަދަލުގައި ކަރުދާހުގައި ކުރަހާފައި ހުރުމާއި، އެއްވެސް ކެންޑިޑޭޓަކަށް ފާހަގަ ޖަހާފައި ނެތުމުގެ ސަބަބުންނެވެ. އީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭވަށުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 256 މީހުންގެ ތެރެއިން 247 މީހުން ވޯޓުލާފައިވާ އިރު، ހަތް ވޯޓު ވަނީ ބާތިލުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް