މަޝްވަރާތަކަށް އީރާނުގެ ޕާލަމަންޓް ރައީސް ދަތުރުކުރެއްވި ފްލައިޓްގެ ގޮނޑިތައް ހާއްސަ ކުރެއްވީ މިނާބް ސްކޫލަށް ދިން ހަމަލައިގާ ޝަހީދުވި 168 ދަރިވަރުންނަށް

އެމެރިކާއާ އެކު ބާއްވާ ސުލްހައިގެ މަޝްވަރާތަކަށް ޕާކިސްތާނަށް ވަޑައިގެންނެވި ފްލައިޓްގައި، އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް، ބޯޓުގެ ގޮނޑިތަކުގައި މިނާބް ސްކޫލް ހަމަލާގ...

11 Apr 2026 | 01:30
N/A

N/A

އެމެރިކާއާ އެކު ބާއްވާ ސުލްހައިގެ މަޝްވަރާތަކަށް ޕާކިސްތާނަށް ވަޑައިގެންނެވި ފްލައިޓްގައި، އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް، ބޯޓުގެ ގޮނޑިތަކުގައި މިނާބް ސްކޫލް ހަމަލާގައި ޝަހީދުވި ދަރިވަރުންގެ ފޮޓޯތައް ބައްދަލައި، ސްކޫލް ދަބަސްތަކާއި މާތައް ބެހެއްޓެވިއެވެ. ޤާލީބާފް ވިދާޅުވީ މަޝްވަރާގެ މޭޒަށް ދަތުރުކުރައްވާ އެ ފްލައިޓްގައި އެމަނިކުފާނުގެ ބައިވެރީންނަކީ އެ ދަރިވަރުން ކަމަށެވެ. އީރާނުގެ މީޑިއާ އެސްއެންއެން އިން ވަނީ މި ވަފުދަށް "މިނާބް 168" ޑެލިގޭޝަންގެ ނަން ދީފައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ ފުރަތަމަ ވަގުތުގައި، ހޯރމޮޒްގާން ޕްރޮވިންސްގެ މިނާބްގައި ހުންނަ ޝަޖަރާ ޠައްޔިބާ ސްކޫލަށް މިސައިލް ހަމަލާ އެރިއެވެ. އެ ހަމަލާގައި 168 މީހުން މަރުވިއެވެ. އޭގެ ތެރޭގައި 100 އަށް ވުރެ ގިނަ ކުޑަކުދީން ހިމެނެއެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ހެދި ތަޙްޤީޤުން ދައްކާ ގޮތުގައި ސްކޫލަށް އެރީ އެމެރިކާގެ ޓޮމަހޯކް މިސައިލެކެވެ.

ޤާލީބާފް އިސްލާމް އާބާދަށް ވަޑައިގެންނެވީ ހުކުރު ދުވަހުގެ ރޭ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ، ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޢަލީ އަކްބަރް އަޙްމަދިއާން، ސެންޓްރަލް ބޭންކުގެ ގަވަރުނަރު ޢަބްދުއްނާޞިރު ހިމައްތީ އަދި ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންނާ އެކުގައެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްޙާޤް ޑާރް، ނެޝަނަލް އެސެމްބްލީގެ ސްޕީކަރު ސަރްދާރް އަޔާޒް ސާދިޤް، އާމީ ޗީފް ފީލްޑް މާޝަލް ޢާޞިމް މުނީރު އަދި އިންޓީރިއާ މިނިސްޓަރު މުޙްސިން ނަޤްވީ ވަނީ ވަފުދަށް މަރުޙަބާ ދެންނެވާފައެވެ.

ޤާލީބާފް ވިދާޅުވީ އީރާނުން މަޝްވަރާތަކާ ކުރިމަތިލަނީ ހެޔޮ ނިޔަތާ އެކު ކަމަށެވެ. ނަމަވެސް އެމެރިކާއާ އެކު މަޝްވަރާކުރުމުގެ ތަޖުރިބާ ކޮންމެ ފަހަރަކު ވެސް ގުޅިފައިވަނީ ނާކާމިޔާބީއާއި ވަޢުދު އުވާލުމާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެއް އަހަރުގެ ތެރޭގައި ދެ ފަހަރު، މަޝްވަރާތަކުގެ މެދުތެރެއިން، އީރާނުގެ ހެޔޮ ނިޔަތާ އެކު ވެސް ހަމަލާ ދީ ގިނަ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ" ކަމަށް ވިދާޅުވިއެވެ.

މި މަޝްވަރާތައް ފެށުމުގެ ކުރީން ދެ ޝަރުޠު ފުރިހަމަ ވާން ޖެހޭ ކަމަށް ޤާލީބާފް ވަނީ ވިދާޅުވެފައެވެ. އެއީ ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމާއި، އީރާނުގެ ހިފެހެއްޓިފައިވާ މާލީ ވަސީލަތްތައް ދޫކޮށްލުމެވެ. އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނެވީ ނައިބު ރައީސް ޖޭ.ޑީ. ވޭންސެވެ. އެ ވަފުދުގައި މެދުއިރުމައްޗަށް ކަނޑައަޅާފައިވާ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ވެސް ހިމެނެއެވެ. ހޮނިހިރު ދުވަހު އިސްލާމް އާބާދުގައި މި މަޝްވަރާތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް