N/A
އީރާނާ ދެކޮޅަށް ފެށި ހަމަލާތަކާ ގުޅިގެން ވިއެޓްނާމުގައި ޕެޓްރޯލް ލީޓަރެއްގެ އަގު 0.75 ޑޮލަރުން 1.13 ޑޮލަރަށް އުފުލި، 49.73 އިންސައްތައިގެ ބޮޑު އުފުލުމެއް އައިސްފައިވާ ކަމަށް ގްލޯބަލް ޕެޓްރޯލް ޕްރައިސަސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ދުނިޔޭގެ 85 ޤައުމަކުން ތެލުގެ އަގު އުފުލުނު އިރު، އެންމެ ބޮޑު އުފުލުމެވެ.
ފެބްރުއަރީ 23 އާއި މާރިޗް ނުވައެއް އާ ދެމެދު ތެލުގެ އަގަށް އައި ބަދަލަށް ބަލާއިރު، ލާއޯސްގައި 32.94 އިންސައްތައިގެ އުފުލުމެއް އައިސް ދެވަނައިގައި އޮތް އިރު، ކެމްބޯޑިއާ 19.03 އިންސައްތައާ އެކު ތިންވަނައިގައެވެ. އެންމެ ކުޑަ ބަދަލެއް އައީ ޕެރޫ އަށެވެ. އެ ޤައުމުގައި އުފުލުނީ އެންމެ 0.08 އިންސައްތައެވެ.
މި ލޮޅުމުގެ އަސަރު ރާއްޖެއަށް ވެސް ވަނީ ކޮށްފައެވެ. ރާއްޖޭގައި ޕެޓްރޯލް ލީޓަރެއްގެ އަގު ކުރިން ހުރި 13.50 ރުފިޔާ އިން 16.01 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައެވެ. އެއީ ލީޓަރަކުން 2.51 ރުފިޔާގެ އުފުލުމެކެވެ.
އީރާނާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހޮރުމޫޒް ކަނޑުއޮޅީގެ ސަލާމަތާ މެދު ބާޒާރުގައި ކަންބޮޑުވުން އިތުރުވެ، ސަޕްލައި ޗެއިނަށް ބުރޫ އެރުމުގެ ނުރައްކާ ބޮޑުވެފައިވެއެވެ. ދުނިޔޭގެ ތެލުގެ ބޮޑު ބައެއް ދައުރުވާ މި ކަނޑުއޮޅި ބެދިދާނެ ކަމުގެ ބިރާ އެކު، ތެލަށް ބަރޯސާވާ ރާއްޖެ ފަދަ ޤައުމުތަކަށް ސީދާ އަސަރުކުރަމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް