"ޢީދު ހަވީރު 1447" ތިން ދުވަހު ކުލަގަދަކޮށް ޢީދު ފާހަގަކުރަަން ނިންމައިފި

މިއަހަރުގެ ފިޠުރު ޢީދުގެ މުނާޞަބަތުގައި "ޢީދު ހަވީރު 1447" ޤައުމީ ފެންވަރުގައި ޢީދު ދުވަހުން ފެށިގެން ތިން ދުވަހު މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށް ގެންދާ ގޮތަށް ނިންމައިފިއެވެ. ދިވެހިރާއްޖ...

11 Mar 2026 | 06:46
N/A

N/A

މިއަހަރުގެ ފިޠުރު ޢީދުގެ މުނާޞަބަތުގައި "ޢީދު ހަވީރު 1447" ޤައުމީ ފެންވަރުގައި ޢީދު ދުވަހުން ފެށިގެން ތިން ދުވަހު މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށް ގެންދާ ގޮތަށް ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ ބާރުން ހާމަކުރި ގޮތުގައި ހަރަކާތްތައް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށެވެ. މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދުގައެވެ. ހުޅުމާލޭގައި ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައި، އަދި ވިލިމާލޭގައި ފުޓްބޯޅަ ދަނޑުގައި ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ސަލްޓަން ޕާކް ފިޠުރު ޢީދު ދުވަހު ހުޅުވާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.

އެމްއެންޑީއެފުން ބުނީ މި ހަވީރުގައި އެކި ކަހަލަ ކުޅިވަރުތަކާއި މުނިފޫހިފިލުވުމާއި ޢީދު ހަދިޔާ ދިނުން އޮންނާނެ ކަމަށެވެ. ދައުލަތުގެ މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުގައި ތަފާތު ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާއިރު، ކުޑަކުދިން ގަޔާވާނެ ހަރަކާތްތައް ވެސް ހިމެނޭނެ ކަމަށް އެ ބާރުން ބުނެއެވެ. އެމްއެންޑީއެފްގެ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އުޅަނދުތައް ދައްކާލުމާއި ފޮޓޯ ނެގުމުގެ ފުރުޞަތު ލިބޭނެއެވެ.

ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްއީ، ވެމްކޯ، އެމްޕީއެލް، އެޗްޑީސީ، އެސްޓީއޯ، އެމްއޭސީއެލް، އާރުޑީސީ، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ. މިދިޔަ އަހަރު ޢީދު ހަވީރަށް ޢާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބަށް ބަލައި މިފަހަރު ތިން ދުވަހަށް ދިގުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް